މެންޗެސްޓާ ސިޓީގެ ކެޕްޓަން އަދި ޖަރުމަންގެ ހުނަރުވެރި މިޑްފިލްޑާ އިލްކާއި ގުންޑޮއަން ހިލޭ ޓްރާންސްފާއެއްގައި މެންޗެސްޓާ ސިޓީ ދޫކޮށް ލަލީގާ ކްލަބް ބާސެލޯނާއަށް ރަސްމީކޮށް ބަދަލުވެއްޖެކަން އިއުލާންކޮށްފިއެވެ. ގުންޑޮއަން ބާސެލޯނާއާއިއެކު ހަދާފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށް ދިގުދެމިގެންދާ ކޮންޓްރެކްޓެކެވެ.

ގުންޑޮއަންއަކީ ނިމިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީ އަށް ކާމިޔާބު ހޯދައި ދިނުމުގައި އެންމެ ބޮޑު އެއް މޭސްތިރިޔާއެވެ. ސިޓީން ވަނީ މިދިޔަ ސީޒަންގައި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގެ ތަށި ވެސް އުފުލާލައިފައެވެ. އެފްއޭ ކަޕްގެ ފައިނަލްގައި އޭނާ ވަނީ ސިޓީ އަށް ދެ ގޯލް ޖަހައި ދީފައެވެ.

ގުންޑޮއާން ބުނީ 7 އަހަރު ވަންދެން ސިޓީގައި މަސައްކަތްކުރުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

ސިޓީއަށް ޓްރެބްލް ހޯދައިދިނުމުގައި ބޮޑު ހިއްސާއެއް އޮތް ކެޕްޓަން ގުންޑޮއަން ސިޓީގައި މަޑުކުރުމުގެ ފުރުސަތަށް ދެކޮޅު ހަދައި، މިހާރުގެ ކޮންޓްރެކްޓް ހަމަވުމުން 2025 ވަނަ އަހަރުގެ ނިޔަލަށް ބައިއައުޓް ކްލޯޒް 400 މިލިއަން ޔޫރޯ (342 މިލިއަން ޕައުންޑް) އަށް ކަނޑައަޅާފައިވާ ބާސެލޯނާއާއި ގުޅުނެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ޖުލައި މަހު މެންޗެސްޓާ ސިޓީއާ ގުޅުމަށް ފަހު އޭނާ ވަނީ ޖުމުލަ 188 މެޗު އެ ކުލަބަށް ކުޅެދީފައެވެ. އަދި 44 ގޯލުވެސް ވަނީ ކާމިޔާބުކޮށްދީފައެވެ. ސީޒަން ނިމުމާ ގާތްވެފައި ވަނިކޮށް ގުންޑޮއަން ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތައް ފެތުރެން ފެށިއެވެ. ނަމަވެސް އޭރު ކުލަބުންނާއި ގުންޑޮއަންގެ ފަރާތުން މިކަމަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އުމުރުން 32 އަހަރުގެ ގުންޑޮއަން އަކީ 2011 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ ކުޅަދާނަ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް ކުޅެދިން 67 މެޗުން އޭނާ ވަނީ 17 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭގެ އިތުރަށްވެސް، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ އެކު އޭނާ ވަނީ ޖުމުލަ ފަސް ފަހަރަށް ލީގު ކާމިޔާބުކޮށްފައެވެ. އަދި އެފްއޭ ކަޕްވެސް ދެ ފަހަރަށް ކާމިޔާބުކުރުމުގައި އެހީތެރިވިއެވެ.

ބާސެލޯނާއަށް ދިމާވެފައިވާ މާލީ މައްސަލަތައް މިހާރު ހައްލު ކުރެވިފައިވާ ކަމުގައި ބާސެލޯނާ އިން ވަނީ ބުނެފައެވެ. އެއާއެކު އެކުލަބުގެ ޒުވާން ކުޅުންތެރިޔާ ގަވީ ވެސް ވަނީ ރަސްމީކޮށް ލަލީގާގައި ރަޖިސްޓްރީ ކޮށްފައެވެ. ނަމަވެސް އެ ކުލަބުގެ ލެޖެންޑް އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގެންދިޔުމަށް ކުރި މަސައްކަތް ނާކާމިޔާބުވިއެވެ.