މިވަގުތު ޕެރިސް ސެއިންޓް ޖަރމައިން (ޕީއެސްޖީ)އަށް ކުޅެމުންދާ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ ލިޔޮނަލް މެސީ އަނބުރާ ހޯދުމަށް އެ ކްލްބުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބާސެނޯލާ ކްލަބްގެ ރައީސް ޖޮއާން ލަޕޯރޓާ ބުނެފިއެވެ.

ކުޅިވަރުގެ މީޑިއާއަކަށް މައުލޫމާތު ދެމުން ލަޕޯރޓާ ބުނީ ކުރިއަށް އޮތް ސީޒަނަށް މެސީ އަނބުރާ ހޯދުމަށް ބާރސެނޯލާއިން ރާވަމުން ދާކަމަށެވެ. "އަހަރެމެން މަސައްކަތްކުރަނީ ފައިނޭންޝިއަލް ފެއަރ ޕްލޭގެ އުސޫލު ކާމިޔާބުކޮށް ކުރިއަށްގެންދިއުމާއި އެކުއެކީގައި ޓީމް ވަރުގަދަ ކުރުމަށް" ލަޕޯޓާ ބުނެފައިވެއެވެ.

ލަޕޯރޓާ އިތުރަށް މައުލޫމާތު ދީފައިވާގޮތުގައި ބާސެލޯނާއިން މިހާރުވެސް ދަނީ އަންނަ އަހަރަށް ޓީމް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. "ކުރިއަށްވުރެ މާވާދަވެރި ޓީމެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން މި ދަނީ" ލަޕޯޓާ ބުނެފައިވެއެވެ.

ބާސެލޯނާއިން، މީޑިއާއާއި މެސީގެ ސަޕޯޓަރުން މެސީގެ ކުރިމަގާއި ދޭތެރޭ ކުރަމުންދާ ބޮޑު ސުވާލަށް ޔަގީން ޖަވާބެއް ދިނީ ޕީއެސްޖީއާއި މެސީއާއި ދެމެދު ހަދާފައިވާ 2 އަހަރު ދުވަހުގެ އެއްބަސްވުން ނިމެން ބާކީ 2 މަސް ދުވަހަށް ވެފައިވަނިކޮށެވެ.

އާޖެންޓީނާގެ ކެޕްޓަންކަންވެސް ކުރަމުންދާ ހުނަރުވެރި ފޯވާޑް މެސީ ސްޕެއިންއަށް އެނބުރި ގެންދަން ބާސެލޯނާއިން ކެތްމަދުވެފައިވަނީ، މިވަގުތު އެ ކްލަބްގެ މާލީ ޙާލަތު އެހާ ރަނގަޅު ނޫންކަމަށް ކުޅިވަރުގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓްކުރަމުންދާ ދަނޑިވަޅެއްގައިއެވެ.

އޭގެ އިތުރަށްވެސް، ބާސެލޯނާއިން ގަސްދުކޮށްފައިވަނީ ކްލަބްގެ ހުރިހާ ކުޅުންތެރިންގެ މުސާރަ ވީހާވެސް ހަމަހަމަ އުސޫލަކުން ދެމުން ގެންދާށެވެ. ބާސެލޯނާއިން ޤަބޫލުކުރާގޮތުގައި ކުޅުންތެރިންނަށްވެސް އަދި ކްލަބަށްވެސް މި އުސޫލުން ފައިދާތަކެއް ކުރާނެއެވެ. އެހެން ނަމަވެސް، ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ މާލީ ޙާލަތު ތަނަވަސް އަލް ހިލާލް ފުޓްބޯޅަ ކްލަބުން ވެސް ދަނީ 7 ފަހަރު ބެލަން ޑި އޯރ ހާސިލުކޮށްފައިވާ މެސީއަށް ބޮޑު އަގެއް ހުށަހަޅައިގެން އޭނާ ސައުދީއަށް ގެނައުމުގެ މަސައްކަތްތައް ކުރަމުންނެވެ.

މެސީ ވަނީ މިހާރުވެސް ޕީއެސްޖީގެ ހުއްދަނެތި ސައުދީގައި ކުޑަ ދުވަސްކޮޅެއްގެ ޗުއްޓީ ހޭދަކޮށްފައެވެ. އޭނާއަކީ ސައުދީ ސަރުކާރުން ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ކަނޑައަޅާފައިވާ ޚާއްސަ އެމްބެސަޑަރެއްވެސް މެއެވެ. އެހެންކަމުން، ކުރިމަގުގައި މެސީ ފެނިގެންދާނީ ކޮން ކްލަބަކުން ކަމާއި ދޭތެރޭ އުފެދޭ ސުވާލުގެ ޖަވާބަކަށް އޭނާގެ ސަޕޯޓަރުން ދަނީ އިންތިޒާރުކުރަމުންނެވެ.