އިންޓަ މިއާމީ ފަސޭހަ މޮޅަކާއެކު ލީގްސް ކަޕް ފައިނަލަށް ދަރުތުކޮށްފިއެވެ.

އެމެރިކާގެ ސުބަރު ޕާކް ސްޓޭޑިއަމްގައި ފިލަޑެލްފިއާ ޔޫނިއަންއާއި ދެކޮޅަށް ކުޅެވުނު މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ފެށިގެން މެޗްގެ ތިން ވަނަ މިނެޓުގައި އިންޓަ މިއާމީގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮއްދީފައިވަނީ އުމުރުން 30 އަހަރުގެ ޖޮސެފް މާޓިނޭޒްގެ ރީތި ލަނޑަކުންނެވެ.

މެޗްގެ 20 ވަނަ މިނެޓުގައި އާޖެންޓީނާގެ އުމުރުން 36 އަހަރުގެ ތަރި ލިއޮނަލް މެސީ އޭރިޔާ ބޭރުން ފޮނުވާލި ބާރުގަދަ ހަމަލާއަކުން އިންޓަ މިއާމީގެ ދެވަނަ ލަނޑު ކާމިޔާބު ކުރިއެވެ. މި ލަނޑާއެކީ މެސީ ވަނީ އިންޓަ މިއާމީއަށް ކުޅުން 6 މެޗުން 9 ލަނޑު ކާމިޔާބު ކޮށްފައެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ސްޕެއިންގެ ޑިފެންޑަރު ޖޯޑި އަލްބާއަށް ލިބުން ވަރަށް ރީތި ހުސް ފުރުސަތަކުން ވަނީ ގޯލުގެ ތިރީ ކަނާ އަމާޒުކޮއް ފޮނުވައިލައިގެން އިންޓަ މިއާމީގެ 3 ވަނަ ލަނޑު ކާމިޔާބު ކޮއްދީފައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 3-0 ގެ ނަތީޖާއިން އިންޓަ މިއާމީ ކުރީގަ އޮވެގެނެވެ.

ދެވަނަ ހާފްގެ ކުޅުން ފެށި ދެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް ފިލަޑެލްފިއާގެ ބަދަލު ކުޅުންތެރިއެއް ގޮތުގައި މެޗްގެ 70 ވަނަ މިނެޓުގައި އެރި އުމުރުން 36 އަހަރުގެ އެލެޖަންޑްރޯ ބެޑޯޔާގެ ރީތި ލަނޑަކުން ފިލަޑެލްފިއާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރިއެވެ.

އިންޓަ މިއާމީގެ މެޗްގެ ފަހު ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ހޮންޑުރަސްއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ޑޭވިޑް ރުއިޒްއެވެ. މި ލަނޑާއެކީ ރުއިޒް ވަނީ އިންޓަ މިއާމީއަށް ކުޅުނު 19 މެޗުން ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗް ނިމިގެން ދިޔައީ 4-1 ގެ ނަތީޖާއިން އިންޓަ މިއާމީ ކުރިހޯދައިގެންނެވެ. މި މޮޅާއެކީ އިންޓަ މިއާމީ ވަނީ ލީގްސް ކަޕްގެ ފައިނަށް ދަތުރުކޮށްފައެވެ.

ލީގްސް ކަޕްގެ ފައިނަލްގައި ވާދަކުރަން ހަމަޖެހިފައިވަނީ މި މަހު 20 ވަނަ ދުވަހު ނަޝްވިލް ސްޕޯޓް ކްލަބް އާ ދެކޮޅަށެވެ.