މޭޖާ ލީގު ސޮކާ (އެމެރިކާ) ލީގުގައި އިންޓަ މިއާމީން ނިޔު ޔޯކް ރެޑް ބުލްސްއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވެއްޖެއެވެ.

ރެޑް ބުލް އެރީނާގައި އާދިއްތަ ދުވަހުގެ ހެނދުނު ކުޅުނު މެޗު މިއާމީން ކާމިޔާބު ކުރީ 2-0 އިންނެވެ. މި މޮޅާއެކު ކުޅުނު 23 މެޗުން 21 ޕޮއިންޓް ހޯދައިގެން ލީގު ތާވަލުގެ 14 ވަނައިގައެވެ.

މިއީ މިއާމީ އާއެކު މެސީ އެމެރިކާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށްދޭ އެވޯޑް ހަތް ފަހަރަށް ކާމިޔާބުކުރި މެސީ ވަނީ ގޯލު ޖަހާފައެވެ. މިއާމީ އަށް ބަދަލުވެ މިހާތަނަށް މެސީ ވަނީ އެ ކުލަބަށް ޖުމުލަ ނުވަ މެޗު ކުޅެދީ، 11 ލަނޑު ޖަހައިފައެވެ.

މެޗު ފަށައިގެން މިއާމީން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި މިއާމީއަށް ލީޑު ނަގައިދިނީ ޔާވުޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިބުނު ބޯޅަ ތިރި ތިރިން ގޯލުގެ އަރިމަތީ ކަނަށްވާ ގޮތަށް ވައްދާލައިގެން ޑިއޭގޯ ގޮމޭޒްއެވެ. މިއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މިއާމީ އަށް ބަދަލުވި ގޮމޭޒް އެމެރިކާ ލީގުގައި ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. އަދި މިއާމީ އަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފުގައި ނިޔު ޔޯކް ރެޑްބުލްސް އިން މިއާމީގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް މިއާމީގެ ކީޕަރު ޑްރޭކް ކަލެންޑާ ވަނީ މަތަކޮށްފައެވެ. މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ގޯލު ޖަހަން ފުރުސަތު ފަހިކޮށް މެސީ ވަނީ ފަސޭހަކަމާއެކު ދެވަނަ ގޯލު ކާމިޔާބު ކޮށް މެޗުގެ ނަތީޖާ 0-2 އަށް ބަދަލުކޮށްދީފައެވެ.

ލީގުގައި މިއާމީއަށް ދެން އޮންނާނީ ނަޝްވީލާ ދެކޮޅަށް ކުޅޭ މެޗެވެ.