ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް އެގްރިގޭޓުން ކުރިހޯދައި ރެއާލް މެޑްރިޑުން މުބާރާތުގެ ސެމީން ފުރުސަތު ހޯދައިފިއެވެ.

މީގެ އެއް ހަފުތާ ކުރިން ސްޓަމްފޯޖް ބްރިޖްގައި ރެއާލުން ވަނީ 3-1 އިން ޗެލްސީ ބަލިކޮށްފައެވެ. މިރޭ އަމިއްލަ ދަނޑުގައި ކުޅެ 3-2 އިން ބަލިވި ނަމަވެސް ރެއާލް އަށް ހިންދެމިލެވުނީ 5-4 އެއްގެ އެގްރިގޭޓުން ކުރިލިބުމުންނެވެ.

މެޗައް ނުކުތް އިރު ދެ ގޯލްގެ ލީޑެއްގައި ރެއާލް އޮތުމުން ޗެލްސީން ނުކުތީ އެޓޭކަށް ވިސްނައިގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ޓިމޯ ވާނާ ތަނަވަސްކޮށްދިން ފުރުސަތަކުން މޭސަން މައުންޓް ގޯލް ޖަހައި ޗެލްސީ އަށް އުއްމީދު އާކޮށްދިނެވެ. ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖަހަން ޗެލްސީގެ އެންޓޯނިއޯ ރުޑިގާ އަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭނާ ޖެހި ބޯޅަތައް ގޯލާ އަމާޒު ނުވެ ދިޔައީ ބޭރަށެވެ.

ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ރުޑިގާ ވަނީ ގޯލެއް ޖަހައި އެގްރިގޭޓުން ނަތީޖާ ޗެލްސީ އަށް އެއްވަރުކޮށްދީފައެވެ. ރުޑިގާ ގޯލް ޖެހީ މައުންޓް ނެގި ކޯނަރެއްގައި ބޮލުންނެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ޗެލްސީގެ މާކަސް އަލޮންސޯ ރެއާލްގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ގޯލް ޖެހުމުގެ ކުރިން އޭނާގެ އަތުގައި ޖެހި ބޯޅަ ކޮންޓްރޯލްވި ކަމަށް ނިންމައި ވީއޭއާރުގެ އެހީގައި ރެފްރީ ވަނީ އެ ގޯލް ކެންސަލް ކޮށްފައެވެ.

މި ހާފުގައި ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

ޗެލްސީން ފުރަތަމަ ފަހަރަށް އެގްރިގޭޓުން ކުރިހޯދީ މެޗުގެ 75 ވަނަ މިނެޓުގައި ވާނާ ކާމިޔާބުކުރި ގޯލުންނެވެ. އެހެންނަމަވެސް ޗެލްސީ އަށް މާޔޫސްކަން ކުރިމަތިވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮޑްރީގޯ އެޑުއަޑް މެންޑީގެ ގޯލް ފޫއަޅުވާލުމުންނެވެ. ރޮޑްރީގޯ ގޯލް ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލޫކާ މޮޑްރިޗް ނަގައިދިން ރީތި ޕާހަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 4-4 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެންނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ހަތް ވަނަ މިނިޓުގެ ތެރޭ ރެއާލުން ގޯލް ޖަހައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލިއެވެ. ޒުވާން ފޯވަޑް ވިނީޝިއުސް ދިން ބޯޅައެއްގައި ބޮލުން ގޯލް ޖަހައި ރެއާލް ސެމީ އަށް ގެންގޮސްދިނީ ކެޕްޓަން ބެންޒެމާ އެވެ.

ޗެލްސީން މެޗުގެ ބާކީ އޮތް ވަގުތު ކޮޅުގައި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ހުރަހަކަށްވީ ރެއާލްގެ ކީޕަރެވެ.

ބެންޒެމާގެ ގޯލުން ޗެމްޕިއަނުން ކަޓުވާލައި ރެއާލުން އަނެއްކާވެސް ޗެމްޕިއަންސް ލީގު ތައްޓެއް ހޯދުމާއި ގާތަށް ޖެހިލިއިރު ރެއާލް ސެމީ އަށް ގެންދިއުމުގައި ބެންޒެމާ ވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ. މުބާރާތުގެ ދެވަނަ ބުރުގައި ފްރާންސްގެ ޕީއެސްޖީ ކޮޅަށް ހެޓްރިކް ހަދައި އަދި ކުއާޓާގެ ފުރަތަމަ ލެގުގައި ޗެލްސީ ކޮޅަށް ވެސް ބެންޒެމާ ވަނީ ހެޓްރިކް ހަދައިފައެވެ. މިސީޒަނުގެ މުބާރާތުގައި 12 ގޯލް ބެންޒެމާ ޖަހާފައިވާއިރު އޭނާ އަށް ވުރެ އިތުރަށް ގޯލް ޖަހާފައިވަނީ 13 ގޯލާއެކު ރޮބަޓް ލެވަންޑޯސްކީ އެވެ. އެހެންނަމަވެސް ބަޔާން މުބާރާތުން ކަޓާފައިވުމުން ރަން ބޫޓް ހޯދުމުގެ ފުރުސަތު ބެންޒެމާ އަށް ވަނީ ފަހިވެފައެވެ.

މި ފަހަރުގެ ސެމީގައި ރެއާލް ކުޅޭނީ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ފުރަތަމަ ލެގުގައި ސިޓީން ވަނީ 1-0 އިން އެތުލެޓިކޯ ބަލިކޮށްފަ އެވެ.