ޕްރިމިއާ ލީގުގައި 2-4 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް، އާސެނަލްއިން އެޓީމަށް ރަނގަޅު ފިލާވަޅެއް ނަގައިދީފިއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ދިޔައީ އާސެނަލްގެ ހާފަށް ބާރުބޮޑުކޮށް ލީޑު ނެގުމަށް ފުރުސަތު ހޯދަމުންނެވެ.

އެހެންނަމަވެސް ޗެލްސީން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި އާސެނަލްއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ޗެލްސީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އެ ކްލަބަށް ކާމިޔާބުކޮށްދިނީ އެޑީ އެންކެޓިއޭއެވެ.

މި ލަނޑާއެކު ޗެލްސީން ވަނީ އެޓީމުގެ އެޓޭކް އިތުރަށް ވަރުގަދަކޮށް، އޭގެ ދެ މިނެޓު ފަހުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓިމޯ ވާނާފައެވެ.

ޗެލްސީން ނަތީޖާ ހަމަހަމަ ކުރުމަށްފަހު، ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ލީޑު އަނބުރާ ހޯދުމަށް ދެޓީމަށްވެސް ރަނގަޅު ގިނަ ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގައި ދެވަނަ ފަހަރަށް އާސެނަލްއިން ލީޑު ނެގީ 27 ވަނަ މިނެޓުގައި މާޓިން އޮއިގާޑްގެ އެހީތެރިކަމާއެކު ސްމިތު ރޯވް ކާމިޔާބުކުރި ލަނޑުންނެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން މައުންޓްގެ އެހީތެރިކަމާއެކު އަޒްޕިލިކުއެޓާ ވަނީ ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެޓީމަށްވެސް ލީޑު ނެގުމަށް ފުރުސަތުތައް ލިބިފައިވާއިރު، އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ދެޓީމަށްވެސް ހިފިފައިނުވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ފުރަތަމަ ހާފް ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އާސެނަލްއިން ވަނީ މި ހާފްގެ ކުރީކޮޅު ތިންވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 57 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެންކެޓިއޭއެވެ.

މި ލަނޑަށްފަހު ލީޑު ފުޅާކުރަންވެސް ގިނަ ފުރުސަތުތަކެއް އާސެނަލްއަށް ވަނީ ލިބި ބޭކާރުވެފައެވެ. އަދި މި ހާފްގައި ޗެލްސީއަށްވެސް ވަނީ ނަތީޖާ ހަމަހަމަ ކުރަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އާސެނަލްއިން މެޗުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ އިތުރު ވަގުތުގައި ސަކާ ކާމިޔާބުކުރި ޕެނަލްޓީންނެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 32 މެޗުން ލިބުނު 57 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސް ވަނައިގައެވެ. މެޗުން ބަލިވި ޗެލްސީ އޮތީ ކުޅުނު 31 މެޗުން ލިބުނު 62 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ.