ސްޕެނިޝް ލަލީގާގައި ބެންޒެމާ ދެ ޕެނަލްޓީ މިސްކުރި މެޗުން އޮސަސޫނާ އަތުން 1-3 ގެ ނަތީޖާއަކުން މޮޅުވެ، ލީގު ހޯދުމަށް ރެއާލް މެޑްރިޑް 4 ޕޮއިންޓާ ކައިރިޔަށް ޖެހިލައިފިއެވެ.

އޮސަސޫނާ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނިގެންދިޔައިރު، ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލްއިންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް އަލަބާއެވެ.

ނަމަވެސް އޭގެ މިނެޓެއް ފަހުން އޮސަސޫނާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބުޑިމިރްއެވެ. އަދި މި ލަނޑަށްފަހު އޮސަސޫނާއިން ވަނީ ރެއާލްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތައް އުފައްދާފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލްއަށް މެޗުގެ ލީޑު އަނބުރާ ހޯދައިދިނީ މާކޯ އެސެންސިއޯއެވެ. މި ލަނޑަށްފަހު އޮސަސޫނާއިން އިތުރަށް ހިތްވަރުކޮށް ރެއާލްގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް، ރެއާލްގެ ޑިފެންސުން އެކަމަށް ފުރުސަތު ދީފައެއް ނުވެއެވެ.

ރެއާލްއިން މެޗުގެ ލީޑު ފުޅާކުރީ ފަހުވަގުތު އެޓީމުން ފުލުފުލުގައި ކުރަމުންދިޔަ އެޓޭކްތަކަށް ފަހުއެވެ. މި ލަނޑު ވީނީސިއަސް ޖޫނިއާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލޫކަސް ވަޒްކުއޭޒްއެވެ.

މި ނަތީޖާއާއެކު ރެއާލް މެޑްރިޑް އޮތީ ކުޅުނު 33 މެޗުން ލިބުނު 78 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މިރޭ އެތުލެޓިކް ބިލްބާއޯ އަތުން 0-0 ގެ ނަތީޖާއާކުން އެއްވަރުވެފައިވާ އެތުލެޓިކޯ މެޑްރިޑް އޮތީ 33 މެޗުން 61 ޕޮއިންޓް ހޯދައިގެން ރެއާލްގެ ފަހަތުން ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ.