ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން 2-1 ގެ ނަތީޖާއަކުން އޮސަސޫނާ ބަލިކޮށްފިއެވެ.

މި ނަތީޖާއާއެކު ބާސެލޯނާ ވަނީ ތާވަލްގެ އެންމެ ކުރީގައި އުޅޭ ރެއާލް މެޑްރިޑާ ދެ ޕޮއިންޓަށް ގާތަަށް ޖެހިލާފައެވެ. އެއްވަނައިގައި ރެއާލް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޖިރޯނާ އާއި ތިނެއްގައި އޮތް ބާސެލޯނާ އަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮޮއިންޓެވެ.

އޮސަސޫނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ބާސެލޯނާ އިން ލީޑްނެގީ ޖޫލްސް ކޫންޑޭ ކާމިޔާބުކުރި ގޯލުންނެވެ. އިލްކާއި ގުންޑޮގާން ނެގި ކޯނަރަކުން ކޫންޑޭ މި ލަނޑުޖެހީ ބޮލުންނެވެ.

މެޗުގެ 76 ވަނަ މިނެޓުގައި އޮސަސޫނާ އަށް އެއްވަރުކޮށްދިނީ ޗިލީ އަވީލާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ރޮނގުކައިރިން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ބާސެލޯނާ މޮޅުވި ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ލެވަންޑޯސްކީ އަށް އޮސަސޫނާގެ އަލެހަންދްރޯ ކަޓޭނާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ފައުލްއާ ގުޅިގެން ފުރަތަމަ ރީނދޫ ކާޑު ދެއްކުމަށްފަހު، ފަހުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

ރޭގެ މެޗުގައި ބާސެލޯނާ އިން މި ފަހަރުގެ ސީޒަނަށް ގެނައި ތިން ކުޅުންތެރިން ކަމަށްވާ ޔާއޯ ކަންސޭލޯ އާއި ޔާއޯ ފެލިކްސްގެ އިތުރުން އިނީގޯ މާޓިނޭޒް ވަނީ ފަހު ހާފުގައި ކުޅެން ނިކުމެފައެވެ.

މި މުބާރާތުގައި ރޭ ކުޅެން ހަމަޖެހިފައި އޮތް އެތުލެޓިކޯއާ ސެވިއްޔާ ބައްދަލުކުރާ މެޗު ވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފަސްކޮށްފައެވެ.