ސްޕެނިޝް ލީގުގައި ކާޑިޒްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އިން އައު ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

އާދިއްތަ ދުވަހުގެ އޮލިމްޕިކޯ ލުއިސް ކޮމްޕެނީސް ސްޓޭޑިއަމްގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. އޭގެ ކުރިން ލީގުގައި އަމިއްލަ ދަނޑުގައި ބާސެލޯނާ އިން ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މުހިންމު މޮޅާއެކު ބާސެލޯނާ އިން ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެން ފަސް ވަނަ އަށް ޖެހިލައިފައެވެ. އެއް ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑާއި، ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ރެއާލުން ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިިރިން ބޭރަށެވެ. އޭގެ ފަހުން ޖޫލްސް ކޫންޑޭ ފޮނުވާލި ނުރައްކާތެރި ބޯޅަ ހުއްޓުވީ ކާޑިޒްގެ ގޯލް ކީޕަރެވެ.

ދެވަނަ ހާފުގައި ބާސެލޯނާއިން އައީ ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ބަދަލުގައި އެޓޭކިން ގޭމެއް ކުޅެމުންނެވެ. މި މެޗުގައި ބާސާއިން ޖެހި ދެ ލަނޑު ވެސް ޖެހީ ފަހު 10 މިނެޓު ތެރޭގައެވެ. އެގޮތުން ފުރަތަމަ ލަނޑު 82 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ޕެޑްރީ ޖެހީ އިލްކާއި ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކާޑިޒްގެ ގޯލް ކީޕަރުގެ ފައި ދަށުންނެވެ. ބާސެލޯނާފެ ފަހު ލަނޑު ފެރާން ޓޮރޭސް ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގެ ތެރޭގަ އެވެ. އެއީ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ހުރަސްކޮށްދިން ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ.

ސްޕެނިޝް ލީގުގައި ދެން ބާސެލޯނާ އަށް އޮންނާނީ ރަށުން ބޭރުގައި ވިލަރެއާލާ ދެކޮޅަށް ކުޅޭ މެޗެވެ.