ސްޕެނިޝް ލަލީގާގައި ރޭ ރިއަލް މެޑުރިޑާއި އެތްލެޓިކް ބިލްބާއޯ ބައްދަލު ކުރި މެޗު ރިއަލް މެޑުރިޑުން ކާމިޔާބުކޮށްފިއެވެ.

ސަން މަމެސް ބަރިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރިއަލްއިން ކާމިޔާބުކޮށްފައި ވަނީ 0-2ގެ ނަތީޖާއަކުންނެވެ.

48000 މީހުންގެ ކުރި މަތީގައި ކުޅުނު މި މެޗުގައި މި ސީޒަނަށް ރިއަލްއަށް އަލަށް ގެނައި ކުޅުން ތެރިން ވަނީ ބޭނުން ކޮށްފައެވެ. އެހެން ނަމަވެސް އެކުލަބުގެ އެންމެ ފަހުގެ ކެޕްޓަން ކަރިމް ބެންޒެމާ ނެތުމުގެ އުނިކަން ޓީމުން ފެނިގެން ދިޔައެވެ.

މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލުކޮށް ކުޅެފައި ވަނީ ވެސް ރިއަލް މެޑުރިޑުންނެވެ. ފުރަތަމަ ހާފުގައި 59 އިންސަންތަ ކޮންޓުރޯލުކޮށްފައި ވަނީ ރިއަލް މެޑުރިޑުންނެވެ. މެޗުގައި ރިއަލްއިން ޖެހި ދެ ލަނޑުވެސް ފެނިގެން ގޮސްފައި ވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

ލީގު ފެށެން ކުޑަ ދުވަސް ކޮޅަކަށް ވެފައި ވަނިކޮށް އަނިޔާވި ރިއަލް މެޑުރިޑުގެ އެއް ނަންބަރު ކީޕަރުގެ ބަދަލުގައި ރޭ މެޗުގައި ރިއަލްގެ ގޯލު ބަލަހައްޓާފައި ވަނީ އެންޑްރީ ލުނިންއެވެ. ރިއަލްއިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ޑެނިއަލް ކަވަހާލްގެ އެހީތެރި ކަމާއި އެކު ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ.

ފުރަތަމަ ހާފުގައި ގޯލާ އަމާޒުކޮށް ރިއަލް މެޑުރިޑުން ފަސް ހަމަލާ ފޮނުވާލި އިރު, ބަލްބާއޯ އަށް ފޮނުވާ ލެވުނީ އެއް ހަމަލާއެވެ. މެޗުގައި ރިއަލް މެޑުރިޑުގެ ދެވަނަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ފެނިގެން ދިޔަ އިރު, މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖަރުމަނުގެ ޑޯޓްމަންޑުން ރިއަލް އަށް ބަދަލުވި ޖޫޑް ބެލިންހަމްއެވެ.

ނިމި ދިޔަ ސީޒަނުގެ ދެވަނަ ޓީމުގެ ގޮތުގައި ނިންމާލި ބާސެލޯނާއިން ރޭ ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރު ވެފައި ވާއިރު, ރޭގެ މެޗުގައި ބާސެލޯނާއިން ނިކުމެފައި ވަނީ ގަޓަފެއާއި ދެކޮޅަށެވެ.