ސްޕެނިޝް ލަލީގާގައި ޕިއޭ އެމެރިކް އޮބަމަޔަން ކާމިޔާބުކުރި ހަމައެކަނި ލަނޑުން 0-1 ގެ ނަތީޖާއިން ރެއާލް ސޮސައިޑާޑް ބަލިކޮށް، ބާސެލޯނާ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ސޮސައިޑާޑް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ބާސާއިންނެވެ. އެގޮތުން އެޓީމުން ވަނީ ސޮސައިޑާޑްގެ ހާފަށް ބާރުބޮޑުކޮށް، ހަމަލާތައް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

ބާސާއިން ފުލުފުލުގައި ކުރިަމުންދިޔަ އެޓޭކްތަކަށްފަހު، އެޓީމުން މެޗުގެ ލީޑު ނެގީ 11 ވަނަ މިނެޓުގައެވެ. މި ލަނޑު ފެރާން ޓޮރޭޒްގެ އެހީތެރިކަމާއެކު ބާސާއަށް ކާމިޔާބުކޮށްދިނީ އޮބާމަޔަންއެވެ.

މި ލަނޑަށްފަހުވެސް ބާސާއަށް ލީޑު ފުޅާކުރަން ގިނަ ފުރުސަތުތައް ލިބިފައިވާއިރު، އެ ފުރުސަތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ. އަދި މުޅި މެޗުގައިވެސް ސޮސައިޑާޑްގެ ޑިފެންސް ފެނިގެންދިޔައީ ވަރުގަދަކޮށެވެ.

މެޗުގައި ސޮސައިޑާޑްގެ ފަރާތުންވެސް ގިނަ ހަމަލާތައް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން އެޓީމުން ދެ ހަމަލާއެއް އޮފް ޓާގެޓްކޮށް ފޮނުވާލާފައިވާއިރު، އޮން ޓާގެޓްކޮށް ފަސް ހަމަލާއެއް ވަނީ ބާސާގެ ގޯލަށް ފޮނުވާލާފައެވެ.

މި ނަތީޖާއާއެކު ބާސާ ވަނީ ކުޅުނު 32 މެޗުން ލިބުނު 63 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އަދި މެޗުން ބަލިވި ސޮސައިޑާޑް އޮތީ ކުޅުނު 33 މެޗުން ލިބުނު 55 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގައެވެ.