ޕްރިމިއާ ލީގުގައި ހެރީ މެގުއާ ނާރުވައި މެންޗެސްޓާ ޔުނައިޓެޑު ކުޅުނު މެޗުންވެސް ފަހަތުން ގޯސްތަކެއް ހަދައި، 1-3 ގެ ނަތީޖާއަކުން އާސެނަލް އަތުން ބަލިވެއްޖެއެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ތިން ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނޫނޯ ޓަވަރޭޒްއެވެ.

މި ލަނޑަށްފަހުވެސް އާސެނަލްއަށް ލީޑު ފުޅާކުރަން ފުރުސަތުތައް ލިބިފައިވާއިރު، ޔުނައިޓެޑުންވެސް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތުތަކެއް ހޯދާފައެވެ. ނަމަވެސް ޔުނައިޓެޑަށް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

އާސެނަލް އިން މެޗުގެ ލީޑު ފުޅާކުރީ 32 ވަނަ މިނެޓުގައި ސަކާ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަކީ ވީއޭއާރް އިން ބެލުމަށްފަހު އާސެނަލްއަށް ލިބުނު ޕެނަލްޓީއަކުން ސަކާ ކާމިޔާބުކުރި ލަނޑެވެ.

ޔުނައިޓެޑުން ނަތީޖާގެ ފަރަގު ކުޑަކުރީ 34 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ ޕްރިމިއާ ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި 100 ވަނަ ލަނޑު ކަމަށްވާއިރު، އޭނާ ވެގެން ގޮސްފައިވަނީ ލަލީގާ އަދި ޕްރިމިއާ ލީގުގައި 100 ލަނޑު ހަމަކުރި ފުރަތަމ ކުޅުންތެރިޔާއަށެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމިފައިވަނީ އާސެނަލްގެ މޮޅު ކުޅުމާއެކު، 1-2 ގެ ނަތީޖާއިން އެޓީމުން ޔުނައިޓެޑުގެ މައްޗަށް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކޮށްފައިވާއިރު، ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައިވެސް އާސެނަލް ފެނިގެންދިޔައީ ވަރުގަދަކޮށެވެ.

ޔުނައިޓެޑަށް 57 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބި ވަނީ ބޭކާރުވެފައެވެ. މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ނިކުތް ބްރޫނޯ ފެނާންޑޭޒް ފޮނުވާލި މި ޕެނަލްޓީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.

މިއަށްފަހު، ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް، އެޓޭކްތައް ގިނަކޮށްފައެވެ. އެގޮތުން އާސެނަލްގެ ހާފަށް ބާރުބޮޑުކޮށް، އެޓީމުން ވަނީ ނަތީޖާ ހަމަހަމަ ކުރަން ގިނަ ފުރުސަތުތައް ހޯދާފައެވެ.

ނަމަވެސް 71 ވަނަ މިނެޓުގައި އާސެނަލް އިން ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔުނައިޓެޑުގެ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއްގައި ގްރަނިޓް ޒަކާއެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 33 މެޗުން ލިބުނު 60 ޕޮއިންޓާއެކު ޕޮއިންޓް ތާވަަލުގެ 4 ވަނައިގައެވެ. މެޗުން ބަލިވި ޔުނައިޓެޑު އޮތީ ކުޅުނު 34 މެޗުން ލިބުނު 54 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގައެވެ.