ޖަރުމަން ލީގުގައި 1-3 ގެ ނަތީޖާއަކުން ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށް، ޖެހިޖެހިގެން 10 ވަނަ ފަހަރަށް ބަޔާން މިއުނިކުން ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގައި ބޯޅަ ކޮންޓްރޯލްކޮށް، ރަނގަޅަށް ކުޅެމުން ދިޔައީ ވެސް އެ ޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ 15 ވަނަ މިނެޓުގައި ގްނެބްރީގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ބަޔާނުންނެވެ. އެގޮތުން އެޓީމުން ދިޔައީ ޑޯޓްމަންޑްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތައް އުފައްދަމުންނެވެ.

ބަޔާނުން މެޗުގެ ލީޑު ފުޅާކުރީ 34 ވަނަ މިނެޓުގައެވެ. މި ލަނޑު ތޯމަސް މުލާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ރޮބަޓް ލެވަންޑޯސްކީއެވެ. މިއާއެކު، ފުރަތަމަ ހާފް ނިމިފައިވަނީ 0-2 ގެ ނަތީޖާއަކުން ޑޯޓްމަންޑްގެ މައްޗަށް ބަޔާން ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން ޑޯޓްމަންޑުން ކުޅުން ރަނގަޅުކޮށް ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ކޭންއެވެ.

ނަމަވެސް، ބަޔާނުން ޑޯޓްމަންޑަށް މެޗުގެ ކޮންޓްރޯލް ހޯދަން ފުރުސަތު ނުދީ އެޓޭކްތައް ވަރުގަދަކުރިއެވެ. އެގޮތުން ލީޑު އިތުރަށް ފުޅާކުރަން ފުރުސަތުތައްވެސް އެޓީމުން ވަނީ ހޯދައިފައެވެ.

ބަޔާންގެ ތިންވަނަ ލަނޑު 83 ވަނަ މިނެޓުގައި ކާމިޔާބުކުރީ މުސިއާލާއެވެ. މިއާއެކު، ޑޯޓްމަންޑްގެ ހިތްވަރު ވަރަށް ބޮޑަށް އެލުނުއިރު، އޭގެ ފައިދާ ބަޔާނުން ވަނީ ނަގާފައެވެ.

މި ނަތީޖާއާއެކު ބަޔާން އޮތީ ކުޅުނު 31 މެޗުން ލިބުނު 75 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ޑޯޓްމަންޑް އޮތީ ބަޔާންގެ ފަހަތުން 12 ޕޮއިންޓްގެ ފަރަގަކާއެކު 63 ޕޮއިންޓާއެކު ދެވަނައިގައެވެ.