ޖަރުމަނުގެ ބޮޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު މަހުމޫދު ދާހޫދު އިނގިރޭސި ވިލާތުގެ ބްރައިޓަން އަށް ބަދަލުވާން ނިންމައިފިއެވެ.

ޖަރުމަނުގެ މިޑްފީލްޑަރު ދާހޫދު ރަސްމީކޮށް ބްރައިޓަންއާ ގުޅުމަށް ހަމަޖެހިފައި ވަނީ ޑޯޓްމަންޑާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި އަންނަ މަހުގެ އެކަކުން ފެށިގެންނެވެ.

ދާހޫދުގެ އިތުރުން މިދިޔަ އަށް އަހަރު ލިވަޕޫލަށް ކުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު، ޖޭމްސް މިލްނާ ވެސް ހިލޭ ޓްރާންސްފާއެއްގައި ބްރައިޓަން އަށް ބަދަލުވެފައެވެ. އަދި ވަޓްފޯޑަށް ކުޅުނު ބްރެޒިލްގެ ފޯވާޑް ޖޯއޯ ޕެޑްރޯގެ ސޮއި ވެސް ބްރައިޓަން އިން ވަނީ ހޯދައިފައެވެ.

އުމުރުން 27 އަހަރުގެ ދާހޫދު ބްރައިޓަން އަށް ބަދަލުވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒާބީ ބުނީ ދާހޫދަކީ ބްރައިޓަންގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއަށް ވެގެން ދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޑި ޒާބީ ބުނީ އޭނާ އިޓަލީގެ ސަސުއޯލޯ އަށް ކޯޗުކޮށްދިންއިރު ވެސް ދާހޫދު ގެންދަން ބޭނުންވި ކަމަށެވެ.

"ވަރަށް އުފާވޭ މަހުމޫދު އަހަރުމެންގެ ޓީމުގައި ބައިވެރި ކުރެވޭތީ،" ބްރައިޓަން ކޯޗު ބުންޏެވެ.

ޑޯޓްމަންޑަށް 2017 ވަނަ އަހަރު ބަދަލުވުމުގެ ކުރިން ދާހޫދު ކުޅެފައި ވަނީ ބޮރޫޝިއާ މުންޗެންގްލަޑްބެކް އަށެވެ. އޭނާ ވަނީ 2015-2016 ސީޒަންގައި އެ ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށް ދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ.

ސީރިއާ އަށް އުފަން ދާހޫދު ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް 2 މެޗު ކުޅެދީފައެވެ.