ޖަރުމަނު ލީގުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ޔޫސުފާ މުކޯކޯ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ތިން އަހަރަށް އައުކޮށްފި އެވެ.

ޑޯޓްމަންޑާއެކު މިހާރު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު އެވެ. ޑޯޓްމަންޑުން ސީނިއާ ކެރިއަރު ފެށި މުކޯކޯ ވަނީ މިހާތަނަށް ޖަރުމަނު ލީގުގައި އެ ޓީމަށް ކުޅެދިން 59 މެޗުގައި 11 ލަނޑު ޖަހައިފަ އެވެ. މި ސީޒަންގައި ވެސް އޭނާ އަންނަނީ ޑޯޓްމަންޑުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ހޯދުމުގެ ޝައުޤުވެރިކަން ޕްރިމިއާ ލީގުގެ ކުލަބުތަކުންނާއި އެހެނިހެން ލީގުތަކުގެ ކުލަބުތަކުން ކުރަމުން އައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ތެރޭގައި ސްޕެއިންގެ ބާސެލޯނާ އިން އައީ އޭނާ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅެ، އެކަމަށް ފާރަލަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން މުކޯކޯ ބުނީ، އެހެން ކުލަބުތަކުގެ ހުށަހެޅުން އޭނާ އަށް ލިބުނު ކަމަށާއި، އެކަމާ އުފާ ވެސް ވާ ކަމަށެވެ. ނަމަވެސް މުކޯކޯ ބުނީ ޑޯޓްމަންޑުގައި ހުންނަން ނިންމި ނިންމުމަކީ އެއީ އޭނާގެ ހިތާ ގުޅިފައިވާ ނިންމުމެއް ކަމަށެވެ. އޭނާ ބުނީ ޑޯޓްމަންޑުގެ ހުރިހާ ސަޕޯޓަރުންގެ ސަޕޯޓު އަބަދު ވެސް ލިބޭ ކަމަށާއި، އެހެންކަމުން އޭނާ ބޭނުންވަނީ އެކަމުގެ ބަދަލު ކުލަބަށް އެއްޗެއް ހާސިިލްކޮށްދޭން ކަމަށެވެ.

މުކޯކޯ އަށް ޖަރުމަނުގެ ޤައުމީ ޓީމުން ޖާގަ ލިބުނީ މިދިޔަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ދެ މެޗު ކުޅެފަ އެވެ.