ޖަރުމަނުގެ ޑޯޓްމަންޑަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޫޑް ބެލިންހަމްއަށް ދުނިޔޭގެ އެންމެ ބޮޑެތި ކުލަބުތަކުން ފާރަލާން ފަށައިފިއެވެ.

ގިނަ ބައެއްގެ ސަމާލުކަން ބެލިންހަމް އަށް ހުއްޓުނު އެންމެ ބޮޑު ސަބަބަކީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑުން އޭނާ އަށް 20 މިލިއަން ޕައުންޑްގެ ބިޑެއް ކުރުމުންނެވެ. އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ބާމިންހަމް ސިޓީ އަށް ކުޅެމުން އައި އޭރު އުމުރުން 16 އަހަރުގެ ބެލިންހަމް އަށް ޔުނައިޓެޑުން ބޮޑު ބިޑެއް ކުރުމާ އެކު ބެލިންހަމާ ބެހޭ މައުލޫމާތު އެއްކުރަން ގިނަ ބަޔަކު ޝައުގުވެރިވި އެވެ. އެކަމަކު ސީޒަނެއްގެ މެދުތެރެއިން ބެލިންހަމް ވިއްކާލަން ބާމިންހަމުން ބޭނުމެއްނުވި އެވެ.

އުމުރުން 19 އަހަރުގެ ބެލިންހަމް ޑޯޓްމަންޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހަށެވެ. ބޭރުގެ ރިޕޯޓްތައް ބުނާގޮތުން ޓްރާންސްފާ މާކެޓުގައި ބެލިންހަމްގެ އަގު ވަނީ އުފުލިފައެވެ.

ރޭގެ މެޗުގައި ވެސް ޑޯޓްމަންޑަށް ރީތި ގޯލެއް ކާމިޔާބުކޮށްދިން ބެލިންހަމަށް އެންމެ ގާތުން ފާރަލަނީ ޗެލްސީއިން ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ. އަދި ޗެލްސީއަށް ބެލިންހަމް ގުޅުމަށް ޝައުގުވެރިކަން ހުންނަ ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް އެރިޕޯޓްތަކުގައި ބުނެފައި ބެއެވެ.

ޗެލްސީގެ އިތުރުން ފުޓުބޯޅައިގައި ދުނިޔޭގެ އެންމެ ކާމިޔާބު ކުލަބު ރެއާލް މެޑްރިޑް ވެސް އަންނަނީ ބެލިންހަމް ގެނެވޭތޯ މަސައްކަތްތަކެއް ކުރަމުންނެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މަޝްހޫރު ޖާނަލިސްޓް ފެބްރިޒިއޯ ރޮމާނޯ ބުނެފައިވަނީ ބެލިންހަމްއަށް ބޮޑެތި އަގުތަކެއް ކުލަބުތަކުން ހުށަހެޅޭނެ ކަމަށާއި ލިވަޕޫލުން ވެސް ބެލިންހަމް ގެނައުމަށް ގެންނަން ބޭނުންވާ ކަމަށެވެ.

ބެލިންހަމް ވަނީ މިއަހަރުގެ ޗެމްޕިއަންސް ލީގުގައި ތިން ގޯލު ޖަހާފައެވެ. އަދި ޖަރުމަނު ލީގުގައި އޭނާ ވަނީ އަށް ގޯލު ޖަހާފައެވެ. ފުޓުބޯޅައިގައި ތަފާތު ހުނަރުވެރި ކުޅުމެއް ދައްކަމުން އަންނަ ބެލިންހަމްއަށް ޑޯޓްމަންޑުން ދޭ މުސާރަ އިތުރު ވެގެންދާނެ ކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ.

މީގެ އިތުރުން ޑޯޓްމަންޑަށް ކުޅެމުން ބެލިންހަމް ވަނީ ގިނަ ރެކޯޑްތަކެއް މުގުރާލައިފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު ކަޕްގެ ތާރީހުގައި އެ މުބާރާތުގައި ލަނޑު ޖެހި އުމުރުން އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ޑޯޓްމަންޑަށް ވާދަވެރި މެޗެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހިމެނެ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ މެޗެއްގައި ކުޅުނު އިންގްލެންޑަށް ނިސްބަތްވާ އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ވެސް ބެލިންހަމް ހޯދި އެވެ. ކުރިން މި ރެކޯޑް އޮތީ މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން އަތުގަ އެވެ.