ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމި ޖޫޑް ބެލިންހަމްއަކީ މިވަގުތު ޔޫރަޕްގެ ފުޓްބޯޅައިގައި ކުޅެމުން އަންނަ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ރެއާލްގެ މިޑްފީލްޑަރު ޓޮނީ ކްރޫސް ބުނެފިއެވެ.

ޓީމުގެ އެންމެ ތަޖުރިބާކާރެއް ކުޅުންތެރިޔާ ކްރޫސް ބުނީ ބެލިންހަމް އަކީ ކޮލިޓީ އާއި އުމުރަށް ބަލާފައި ގިނަ ޓީމުތަކުން ބޭނުންވި މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި ބްރޫޝިއާ ޑޯޓްމަންޑުގައި ވެސް ބެލިންހަމް މޮޅު ކުޅުމެއް ދައްކާފައިވާކަމަށް ކްރޫސް ބުންޏެވެ.

ކުރިއަށް އޮތް ސީޒަނުގައި ބެލިންހަމްގެ ފަރާތުން ސަޕޯޓަރުން ބޭނުންވާ ކަހަލަ މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ކްރޫސް ފާހަގަކުރިއެވެ.

"އަހަރެން ވަރަށް އުފާކުރަން ބެލިންހަމް ރެއާލްއާ ގުޅުނީތީ. ހަގީގަތުގައި ބެލިންހަމްއަކީ މިވަގުތު ޔޫރަޕްގައި ކުޅެމުން އަންނަ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ. އޭނާގެ ހުނަރާއި ޑްރިބްލިން އަހަންނަށް ވަރަށް ކަމުދޭ،" ކްރޫސް ބުންޏެވެ.

ބެލިންހަމް ރެއާލް މެޑްރިޑަށް ބަދަލުވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 103 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ. މިއެއްބަސްވުމުގެ ދަށުން 2029 ވަނަ އަހަރާއި ހަމައަށް އަހަރަކު 10 އަކާއި 12 މިލިއަން އާއި ދެމެދުގެ މުސާރައެއް ލިބޭއިރު، މި މުއްދަތުގައި ރެއާލް މެޑްރިޑްގައި އޭނާ ހޯދާ ކާމިޔާބީތަކާއި ދައްކާ ކުޅުމެއްގެ ސަބަބުން އިތުރު 30.9 މިލިއަން މި ޓްރާންސްފާގައި ހިމަނާފައި ވެއެވެ.

ބެލިންހަމް ވަނީ މި ސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެދިން 31 މެޗުގައި، އެކުލަބަށް އަށް ލަނޑު ކާމިޔާބުކޮށްދީ އިތުރު ފަސް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ރެއާލް މެޑްރިޑްގެ އިތުރުން ޔޫރަޕުގެ ބޮޑެތި ހުރިހާ ކުލަބަކުން އޭނާގެ ސޮއި ހޯދުމަށް މަސައްކަތް ކުރިއިރު، މިއީ މިސީޒަން ނިމުނު ފަހުން ރެއާލް މެޑްރިޑުން ގެނައި ތިންވަނަ ކުޅުންތެރިޔާއެވެ.

މިސީޒަން ނިމުމުން ރެއާލް މެޑްރިޑް ދޫކޮށް ތިން ކުޅުންތެރިއަކު ގޮސްފައިވާއިރު، އެޓީމުން ވަނީ އޭސީ މިލާނަށް ކުޅެމުންދިޔައިރު ބްރަހީމް ޑިއާޒްގެ އިތުރު ރަޔޯ ވަޔެކާނޯގެ ޑިފެންޑަރު ފްރާން ގާސިއާގެ ސޮއި ވެސް ހޯދައިފައެވެ.