ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ޅަ އުމުރުގައި ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ކުލަބް ފުޓުބޯޅައިގައި ޖެހިޖެހިގެން ދެ މެޗެއްގައި ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފް އިންގްލޭންޑްގެ އުއްމީދީ ތަރި ޖޫޑް ބެލިންގްހަމް އަށް ލިބިއްޖެއެވެ.

އޭނާ މި ޝަރަފް ހޯދާފައިވަނީ ބެސިކްޓާސް އަތުން 2-1 ގެ ނަތީޖާއަކުން ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވި މެޗުގައި ކާމިޔާބުކުރި ލަނޑާއެކުއެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ބެސިކްޓާސް ކޮޅަށް ބެލިންގްހަމް މި ލަނޑު ޖަހާފައިވަނީ އުމުރުން 18 އަހަރާއި 78 ދުވަހުގައެވެ. ބެސިކްޓާސް މެޗުގެ ކުރިން އޭނާ ވަނީ އެންމެ ފަހުން ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީ ކޮޅަށް ލަނޑު ޖަހާފައެވެ.

މި ރެކޯޑު ކުރިން އެމްބާޕޭ ހަދާފައިވަނީ 2017 ވަނަ އަހަރުގައި މޮނާކޯގައި ކުޅުނު އިރުގައެވެ. އޭރު އޭނާ އެ ރެކޯޑު ހަދާފައިވަނީ 18 އަހަރާއި 85 ދުވަހުގައި ލަނޑެއް ޖަހައިގެންނެވެ.

މީގެއިތުރުން އޭނާއަކީ ޔޫރަޕުގެ ބޮޑު މުބާރާތެއްގައި ފުރަތަމަ ދެ މެޗުގައި ވެސް ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއެވެ. މި ރިކޯޑު މީގެކުރިން އޮތީ ލިވަޕޫލަށް ކުޅެމުން އަންނަ ޓްރެންޓް އެލެކްސެންޑާ އާނޯލްޑް އަތުގައެވެ. އެއީ 2017 ވަނަ އަހަރުގެ އޮކްޓޯބަރުގައި މަރިބޯ އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. މި ލަނޑު އޭނާ ޖެހީ އުމުރުން 19 އަހަރާއި 10 ދުވަހުގައެވެ.