ފުރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ހުނަރުވެރި ތަރި، ކިލިއަން އެމްބާޕޭ އަންނަ ސީޒަނުގައިވެސް އެޓީމުގައި މަޑު ކުރާނެ ކަމުގެ ޔަގީންކަން ދީފިއެވެ.

މި ސީޒަން ނިމުމުން ޕީއެސްޖީ ދޫކޮށްލާނެ ކަމުގެ އަޑުތަށް ފެތުރުމާއި ގުޅިގެން އެކަން ދޮގުކޮށް އެމްބާޕޭ ބުނީ، އަންނަ ސީޒަނުގައިވެސް އޭނާ ހުންނާނީ ޕީއެސްޖީގައި ކަމަށެވެ. އެހެން ކުލަބަކަށް ބަދަލުވުމަށް އެއްވެސް ކަހަލަ މަޝްވަރާއެއް ނުކުރާ ކަމަށާއި، އަންނަ ސީޒަނަށް ޓީމުން ތައްޔާރު ކޮށްފައިވާ ޕްލޭންގައިވެސް އޭނާގެ މުހިންމު ދައުރެއް ވާކަމުގައި އެމްބާޕޭ ބުންޏެވެ.

މިދިޔަ އަހަރުގެ ސީޒަން ނިމުމުން ރިއަލް މެޑްރިޑަށް އެމްބާޕޭ ބަދަލުވާން އުޅުނު ކަމުގެ އަޑުތަށް ވަރަށް ގަދައަށް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް ޕީއެސްޖީއިން ވަނީ ބޮޑެތި ބާރު ތަކަކާއި އެކު އެމްބާޕޭގެ ކޮންޓްރެކްޓް އާކޮށްފައެވެ. މިހާރުގެ ކޮންޓްރެކްޓް ހަމަވާނީ 2025 ވަނަ އަހަރުއެވެ.

މި ސީޒަނުގައި ވެސް ޕީއެސްޖީއަށް ރަނގަޅު ނަތީޖާތަކެއް ހޯދައި ދިނުމުގައި އިސް ދައުރެއް އަދާކުރި އެމްބާޕޭ އިތުރަށް ބުނެފައި ވަނީ ޕީއެސްޖީއަށް ކުޅުމަކީ އޭނާއަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެކެވެ. އަދި ކުލަބުގެ ރައީސްއާއި ކޯޗިން ޓީމާއި އެހެނިހެން މުވައްޒަފުންނަގެ އިތުރުން ހުރިހާ ސަޕޯޓަރުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން މޮނާކޯއިން ޕީއެސްޖީއަށް ބަދަލުވި އެމްބާޕޭ ފުރަތަމަ ދާއިމީ އެއްބަސްވުމެއް ހަދާފައިވަނީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޭނާ ވަނީ އެއްބަސްވުން އާކޮށްފައެވެ. މިހާތަނަށް އެމްބާޕޭ ޕީއެސްޖީއަށް ކުޅެދިން 259 މެޗުން 211 ލަނޑު ވަނީ ކާމިޔާބުކޮށްދީފައެވެ. މިއާއެކު ފުރާންސް ލީގުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދިން ކުޅުންތެރިޔާގެ މަގާމުވެސް އެމްބާޕޭވަނީ ހޯދާފައެވެ. މީގެ އިތުރުން ޕީއެސްޖީއާއި އެކު ޖުމުލަ 12 ތައްޓެއް ވަނީ ކާމިޔާބުކޮށްފައެވެ.