އިނިގިރޭސި ޕްރިމިއަ ލީގު ސީޒަނުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާ އަށް ދޭ ރަން ބޫޓު ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވަޑް ސޮން ހިއުން މިން އަދި ލިވަޕޫލްގެ މުހައްމަދު ސަލާހު ހާސިލްކޮށްފިއެވެ.

ލީގުގެ ފަހު މެޗުތައް މިރޭ ކުޅުނުއިރު ސޮން އަދި ސަލާހު ވަނީ ލަނޑުގެ ގޮތުން އެއްވަރު ވެފައެވެ. މިރޭގެ މެޗުތަކާ ކުރިމަތިލިއިރު އެއް ގޯލުގެ ފަރަގުން ކުރީގައި އޮތީ ސަލާހު އެވެ. ނޯވިޗް ސިޓީ އަތުން ޓޮޓެންހަމް މޮޅުވި މެޗުގައި ޖެހި ދެ ގޯލާއެކު ސޮން ލަނޑު ލިސްޓުގެ އެއްވަނަ އަށް އެރި ނަމަވެސް ސަލާހް ވަނީ މިރޭ ވުލްވްސްއާ ލިވަޕޫލް ވާދަކުރި މެޗުގެ ދެވަނަ ހާފުގައި ކުޅެން އަރައި ގޯލެއް ޖަހައި ސޮންގެ 23 ގޯލާ އަރާ ހަމަކޮށްފައެވެ.

މިއީ ދެކުނު ކޮރެއާގެ ސޮން ޕްރިމިއަ ލީގުގެ ރަން ބޫޓު ހޯދި ފުރަތަމަ ފަހަރެވެ. އޭނާ ކުޅެމުން އަންނަ ޓޮޓެންހަމުން ލީގުގެ ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމުގައި ސޮން ވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ.

އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް މިރޭ ޖެހި ގޯލާއެކު ރަން ބޫޓް ހޯދި ސަލާހު ވަނީ މީގެ ކުރިން 2018 ވަނަ އަހަރުގެ ސީޒަން އަދި 2019 ވަނަ އަހަރުގެ ސީޒަނުގެ ރަން ބޫޓު ވެސް ހޯދައިފައެވެ. ލިވަޕޫލާއެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި ސަލާހު ރަން ބޫޓް ހޯދީ ރެކޯޑް 31 ގޯލް ޖަހައިގެންނެވެ.

ޕްރިމިއަ ލީގުގެ ލަނޑު ލިސްޓަށް ބަލާއިރު ސޮން އަދި ސަލާހުގެ ފަހަތުން ދެވަނައިގައި އޮތީ 18 ގޯލާއެކު މެންޗެސްޓަ ޔުނައިޓެޑުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ތިންވަނައިގައި 17 ގޯލާއެކު ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން އޮތް އިރު ހަތަރު ވަނައިގައި އޮތީ 16 ގޯލާއެކު ލިވަޕޫލްގެ ފޯވަޑް ސާޑިއޯ މާނޭ އެވެ.

ކިޔުންތެރިންގެ ހިޔާލު