މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 8 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދާއި އާމިނަތު ފާތީ ހޯދައިފިއެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ޝާޒާއި ފާތީ ހޯދީ ގައުމީ ބިލިއާޑް ސެންޓަރުގައި ރޭ ކުޅުނު ފައިނަލް މެޗުން މޮޅުވެގެންނެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލުގައި ރޭންކިންގެ އެއްވަނައިގައި އޮތް ޝާޒް ނުކުތީ ދެވަނައިގައި އޮތް ހުސައިން ފަޔާޒްއާ ދެކޮޅަށެވެ. ވަރުގަދަ ކުޅުމަކާއެކު އެ މެޗުން ޝާޒް މޮޅުވީ 9-5 ފްރޭމުންނެވެ.

އަންހެން ޑިވިޝަންގެ ފައިނަލުގައި ރޭންކިންގެ އެއްވަނައިގައި އޮތް ފާތީ ނުކުތީ ދެވަނައިގައި އޮތް ދީނާ އަހުމަދާ ދެކޮޅަށެވެ. އެ މެޗުގައި ފާތީ އަދި ދީނާގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެ މެޗުން ފާތީ މޮޅުވީ 7-6 ފްރޭމުންނެވެ.

އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. ނިންމުމުގެ ރަސްމިއްޔާތުގައި ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަން ޗެމްޕިއަނާއި ރަނަރަޕްގެ އިތުރު މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގަދަ އަށް ކުޅުންތެރިންނާއި އަންހެން ޑިވިޝަންގެ ގަދަ ހަތަރު ކުޅުންތެރިން އަދި ދެ ޑިވިޝަންގެ އެންމެ ގިނަ ރަން އައުޓް ޖެހި ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކުރިއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގަދަ އަށް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ހަސަން ޝާޒް މުހައްމަދު, ހުސައިން ފަޔާޒް, މުހައްމަދު ޝަރީފް, އަލީ ފަޔާޒް, މުހައްމަދު ސާހިލް ހަމީދު, އަސްލަމް އަބްދުﷲ, އިސްމާއިލް ސުވައިދު އަދި ހުސައިން ސަނީފެވެ.

އަންހެން ޑިވިޝަންގެ ގަދަ ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އާމިނަތު ފާތީ, ދީނާ އަހުމަދު, އާމިނަތު އަޒްރާ އަދި އާމިނަތު ހަލީމެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ ގިނަ ރަން އައުޓް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ފަޔާޒެވެ. އަދި އަންހެން ޑިވިޝަންގެ އެންމެ ގިނަ ރަން އައުޓް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ފާތީއެވެ.