ސެވިއްޔާއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ހޯދުމުގެ މަސައްކަތް ޗެލްސީން ކުރިއަށް ދަނިކޮށް އެކަމުގެ ތެރެއަށް ބާސެލޯނާ އިން ވަދެ، އެ ޑީލް ހައިޖެކްކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބާސާ އިން ވަނީ ކޫންޑޭ ހޯދުމުގެ ރޭހުން ކުރި ހޯދައި އޭނާ އެ ކުލަބަށް ސޮއި ކުރުމާ ގާތަށް ޖެހިލައިފައެވެ. ބާސާ އިން ކޫންޑޭ އަށް 46 މިލިއަން ޕައުންޑް ހުށަހަޅާނެއެވެ. ކޫންޑޭ މިދިޔަ ހަފްތާގައި ވަނީ ބާސެލޯނާއެކު އެގްރީމަންޓެއް ހެދުމަށް އެއްބަސްވެފައެވެ.

މި ހަބަރު ވެގެން ދާނީ ޗެލްސީއަށާއި އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް މާޔޫސްވާނެ ވަރުގެ ހަބަރަކަށެވެ. މި ހޫނު މޫސުމުގެ ޓްރާންސްފާގައި ޓުޗެލް އެންމެ ބޭނުންވާ އެއް ޑިފެންޑަރަކީ ކޫންޑޭއެވެ.

ޗެލްސީ އަށް ކުޅެމުން އައި ދެ ކުޅުންތެރިން އެ ކުލަބު ދޫކޮށް ދިއުމުން އެ ޓީމުގެ ފަހަތް އޮތީ އަދިވެސް ބަލިކަށިކޮށެވެ. ޑެންމާކްގެ ޑިފެންޑަރު އަންދްރެސް ކްރިސްޓެންސަން ބާސެލޯނާ އަށް ބަދަލުވި އިރު، ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ވަނީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ.

ޗެލްސީން މިހާތަނަށް އައިއިރު، ހޯދީ އެންމެ ޑިފެންޑަރެކެވެ. އެއީ އިޓަލީގެ ނަޕޯލީ އަށް ކުޅޭ ވަރުގަދަ ޑިފެންޑަރު ކަލިޑޫ ކޮލިބަލީއެވެ. ޗެލްސީ އަށް ކުޅޭ އިތުރު ޑިފެންޑަރުންތަކެއް އެ ކުލަބު ދޫކޮށްލަން އުޅޭ ވާހަކަ މީޑިއާގައި ވަނީ ފެތުރިފައެވެ. އޭގެ ތެރޭގައި މާކޮސް އަލަންސޯ އާއި ސެސަ އަޒްޕްލިކުއެޓާ ހިމެނެއެވެ.

ބާސެލޯނާ އިން ދާދި ފަހުން ވަނީ ހަމަ މިކަހަލަ ޑީލެއް ހައިޖެކްކޮށްފައެވެ. ލީޑްސް ޔުނައިޓެޑަށް ކުޅެމުން އައި ބްރެޒިލްގެ ވިންގާ ރަފީނިއާ ޗެލްސީއަށް ގުޅުމާ ގާތުގައި ވަނިކޮށް، ބާސެލޯނާ އިން ވަނީ އެ ޑީލް ވެސް ހައިޖެކްކޮށް، އެ ކުޅުންތެރިޔާ އެ ކުލަބަށް ގެންގޮސްފައެވެ.

ޗެލްސީން އަންނަނީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ނޭތަން އާކޭ ގެންދިއުމުގެ މަސައްކަތް ކުރަމުންނެެވެ. އެކަމަކު، އޭނާ ވިއްކާލަން ސިޓީން ކިޔަމުން އަންނަ އަގު ޗެލްސީ އަށް ބޮޑެވެ. މީގެއިތުރުން ޗެލްސީން ހޯދަން މަސައްކަތް ކުރި ޔުވެންޓަސްގެ ޑިފެންޑަރު މަތިސް ޑިލިޓް ވަނީ ބަޔާން އަށް ސޮއިކޮށްފައެވެ.

ފްރާންސްގެ ބޯޑޯ ދޫކޮށް 2019 ވަނަ އަހަރު ސެވިއްޔާ އަށް ބަދަލުވި ކޫންޑޭ އަކީ ސްޕެއިން ލީގުގައި ކުޅެމުން އަންނަ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިއެވެ.