އެފްއޭއެމް ދެވަނަ ޑިވިޝަންގައި ކުޑަ ހެންވޭރު ޔުނައިޓެޑް ބަލިކޮށް ކްލަބް ޓީނޭޖް ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ގެ ނަތީޖާއިން އެއްވަރުވުމުން ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލީޑު ނެގުމަށް ދެޓީމަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ޑިވިޝަންގައި ސެމީ ފައިނަލާ ހިސާބުން އެއްވަރުވެއްޖެ ނަމަ، އެކްސްޓްރާ ޓައިމް ނުކުޅެ ޖަހަނީ ޕެނަލްޓީއެވެ. މިގޮތުން ކުޑަ ހެންވޭރުގެ މައްޗަށް ޓީނޭޖް ކުރިހޯދީ ޕެނަލްޓީ ޖަހައިގެން 1-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޓީނޭޖް އިން ޖެހި ހަތަރު ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެއީ އަހުމަދު މަހްމޫދު، ޖައިލަމް އަހުމަދު، ނާހިލް އަލީ އަދި ހަސަންބޮއެވް ޖެހި ޕެނަލްޓީއެވެ.

ނަމަވެސް ކުޑަ ހެންވޭރުން ޖެހި ތިން ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. އެއީ ޝަހީމް އަބްދުލް ގާދިރު ޖެހި ޕެނަލްޓީއެވެ. ކުޑަ ހެންވޭރުގެ ތިލްމީޒް އަދި ސާދް ޖެހި ޕެނަލްޓީ ވަނީ މިސްވެފައެވެ.

މި ނަތީޖާއާއެކު ދެވަނަ ޑިވިޝަންގެ ފައިނަލުގައި ކުޅޭނީ ބުރު ސްޕޯޓްސް ކްލަބް އަދި ޓީނޭޖްއެވެ. މުބާރާތުގެ ފައިނަލަށް ބުރު ދަތުރުކުރީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ.