ބާސެލޯނާއަށް ކުޅެމުން އަންނަ ގަބޮންގެ ފޯވާޑް އެމެރިކް އޮބަމެޔަންގް ޗެލްސީއަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އޮބަމެޔަންގްގެ ޓްރާންސްފާއާ ގުޅޭގޮތުން ބާސާ އަދި ޗެލްސީ އެއްބަސްވުމަކަށް އައިސްފައިވާއިރު، އޭނާ ޗެލްސީއަށް ވިއްކާލަން ބާސާ އިން އެއްބަސްވެފައި ވަނީ 10 މިލިއަން ޕައުންޑަށެވެ.

މި އެއްބަސްވުމުގެ ދަށުން ޗެލްސީގެ މާކޯ އެލޮންސޯ ބާސާއަށް ބަދަލުވާއިރު، އޮބަމެޔަންގް ޗެލްސީއަށް ބަދަލުވާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި ކޮންޓްރެކްޓްގައި މެޑިކަލް ފުރިހަމަކޮށް، ކޮންޓްރެކްޓްގައި ސޮއި ކުރުމަށް އޮބަމެޔަންގް ލަންޑަނަށް ފުރާނެއެވެ.

މީގެ ކުރިން އާސެނަލް، ލިލް، މޮނާކޯ، ބްރޫޝިއާ ޑޯޓްމަންޑް އަދި އާސެނަލްއަށް ކުޅެފައިވާ އޮބަމެޔަންގް ހޯދަން މި ޓްރާންސްފާގައި ގިނަ ކްލަބްތަކުން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އައިސްފައި ވަނީ ޗެލްސީންނެވެ.

ބާސާގައި ދެ ސީޒަން ހޭދަކޮށްފައިވާ އޮބަމެޔަންގް އެ ކްލަބަށް ކުޅުނު 24 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައިވާއިރު، އޭނާ ވަނީ އާސެނަލް އާއި ޑޯޓްމަންޑްއާއެކު ގިނަ ކާމިޔާބީތައް ހޯދާފައެވެ.