ޗެލްސީ އަށް ކުޅުނު އިންގްލެންޑްގެ މިޑްފީލްޑަރު ރޯސް ބާކްލީ ހޯދުމުގެ ރޭހުގެ ކުރީގައި އޮތީ ސައުތެމްޓަން ކަމަށް ބައިނަލްއަގުވާމީ ބައެއް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ބާކްލީ ވަނީ ޗެލްސީއާ އެކުގައި ހެދި އެއްބަސްވުން އުވާލައިފައެވެ. އެއްބަސްވުން އުވާލުމާ ގުޅިގެން ބާކްލީ ބޭނުން ކުލަބަކަށް ހިލޭ ޓްރާންސްފާއެއްގެ ދަށުން ބަދަލުވުމުގެ ފުރުސަތު ލިބޭނެއެވެ. އުމުރުން 28 އަހަރުގެ މިޑްފީލްޑަރަށް ޗެލްސީން ހަފްތާއަކު 200،000 ޕައުންޑްގެ މުސާރައެއް ދިނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބާކްލީ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ސައުތެމްޓަނުންނެވެ.

ޕްރިމިއާ ލީގުގައި ސައުތެމްޓަން އިން އެންމެ ފަހުން ކުޅުނު މެޗުގައި 2-1 އިން ޗެލްސީ ވަނީ ބަލިކޮށްފައެވެ. ސައުތެމްޓަން އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކުގައި ތާވަލްގެ އަށް ވަނައިގައެވެ.

އެވަޓަން އަށް ކުޅުނު ޒުވާން ފޯވާޑް ޗެލްސީ އަށް ބަދަލުވެފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު 15 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އެގޮތުން 2018-2019 ސީޒަންގައި ޗެލްސީގެ ފުރަތަމަ 11 އިން ބާކްލީ އަށް ފުރުސަތު ލިބުނު ކަމުގައި ވިޔަސް، ފަހުން އައިސް އެ ފުރުސަތެއް ނުލިބެއެވެ.

އޭގެ ފަހުން 2020-2021 ސީޒަންގައި ބާކްލީ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އަށް ބަދަލުވެފައެވެ. އެކަމަކު، އެ ކުލަބުގައި ވެސް ބާކްލީ އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކެއެވެ.

ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު މެޗުތަކުގެ ތެރެއިން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ބާކްލީ އަށް ފުރިހަމަ ކުރެވިފައި ވަނީ އެންމެ 215 މިނެޓެވެ. އެވަޓަން އިން ތައާރަފްވި ބާކްލީ ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް 33 މެޗު ކުޅެދީފައެވެ.

އިންގްލެންޑުން 2014 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕާއި 2016 ވަނަ އަހަރު ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބާކްލީ ހިމެނިފައިވެއެވެ. އެކަމަކު، 2019 ގެ ފަހުން ބާކްލީ ގައުމީ ޓީމަށް ނުކުޅެއެވެ.

ބާކްލީ ވަނީ ޗެލްސީ އަށް 100 މެޗު ކުޅެދީފައެވެ.