ފްރާންސްގެ ނީސް އިން ބޭނުންވާ ގޮތަށް އެ ކުލަބަކީ ޔޫރަޕް ލެވެލްގައި ބޮޑު ކުލަބަކަށް ހަދަން ބޭނުންވާ ކަމަށް ނީސްއާ ދާދި ފަހުން ގުޅުނު އިންގްލެންޑްގެ މިޑްފީލްޑަރު ރޯސް ބާކްލީ ބުނެފިއެވެ.

ބާކްލީ، ޗެލްސީ އާ އެކު ހެދި ކޮންޓްރެކްޓް އުވާލައި، ނީސް އަށް ބަދަލުވީ މިދިޔަ މަހުއެވެ. ބާކްލީ 28، ކޮންޓްރެކްޓް އުވާލި އިރު، އޭނާ ވަނީ ކުރިން އެވަޓަން އަށް މޮޅު ކުޅުމެއް ދައްކައިފައެވެ.

ބާކްލީ އާ އެކުގައި ނީސް އަށް އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި ޔުވެންޓަސް އަށް ކުޅުނު އާރޮން ރަމްސީ އާއި ލެސްޓާ ސިޓީއަށް ކުޅުނު ކެސްޕާ ޝްމައިކަލް އާއި ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވި އާސެނަލްގެ ވިންގަށް ކުޅުނު ނިކޮލަސް ޕެޕޭ ހިމެނެއެވެ.

ޒުވާން މިޑްފީލްޑަރު ބުނީ ނީސްއަކީ އަމާޒެއް އޮތް ކުލަބެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ނީސް އޮންނާނެ ގޮތުގެ ޕްލޭނެއް އެ ކުލަބުން އޭނާ އަށް ހުށަހަޅާފައިވާ ކަމަށް ބާކްލީ ބުންޏެވެ.

ބާކްލީ ބުނި ގޮތުގައި އެ ކުލަބުން ބޭނުން ވަނީ ޔޫރަޕްގެ ބޮޑު ކުލަބަކަށް ވާށެވެ.

"އަހަރެންނަށް ހިތްވަރު ދިނީ ކޯޗު، އެއީ ބޮޑު، ޔޫރަޕް ލެވެލްގެ ކޯޗެއް. މިއީ އެޓޭކިން ފުޓްބޯޅައެއް ކުޅޭ ކޯޗެއް، މިއީ އަހަރެން މި ކުލަބާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވި ކަމެއް،" ބާކްލީ ބުނެފައިވެއެވެ.

އެކަމަކު، އޭގެ ދުވަސް ތަކެއް ކުރިން ނީސްގެ ކޯޗު ލުސިއެން ފަވްރޭ ބުނީ ބާކްލީ ކުޅެން އެންމެ މޮޅު މަގާމަކީ ކޮބައި ކަމެއް އޭނާ އަށް ނޭނގޭ ކަމަށެވެ.

ބާކްލީ ބުނީ މިދިޔަ މަހުގެ ތެރޭގައި ޗެލްސީގެ ރިޒާވް ޓީމުން ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާނެ ކަމަށެވެ. އަދި އޭނާއަކީ މިހާރު ފިޒިކަލީ ފިޓް ކުޅުންތެރިއެއް ކަމަށް ބާކްލީ ބުނެފައިވެއެވެ.

"އަހަރެން މިދިޔަ ސީޒަންގައި މާ ގިނަ އިން ކުޅެފައެއް ނުވާނެ، އެކަމަކު، މިއަދު އަހަރެން މި ހުރީ ތައްޔާރަށް،" އިންގްލެންޑްގެ ގައުމީ ޓީމުގައި ވެސް ހިމެނޭ ބާކްލީ ބުންޏެވެ.

އެވަޓަން އަށް ކުޅުނު ޒުވާން ފޯވާޑް ޗެލްސީ އަށް ބަދަލުވެފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު 15 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އެގޮތުން 2018-2019 ސީޒަންގައި ޗެލްސީގެ ފުރަތަމަ 11 އިން ބާކްލީ އަށް ފުރުސަތު ލިބުނު ކަމުގައި ވިޔަސް، ފަހުން އައިސް އެ ފުރުސަތެއް ނުލިބެއެވެ.

އޭގެ ފަހުން 2020-2021 ސީޒަންގައި ބާކްލީ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އަށް ބަދަލުވެފައެވެ. އެކަމަކު، އެ ކުލަބުގައި ވެސް ބާކްލީ އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކެއެވެ.

ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު މެޗުތަކުގެ ތެރެއިން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ބާކްލީ އަށް ފުރިހަމަ ކުރެވިފައި ވަނީ އެންމެ 215 މިނެޓެވެ. އެވަޓަން އިން ތައާރަފްވި ބާކްލީ ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް 33 މެޗު ކުޅެދީފައެވެ. އޭނާ ޗެލްސީ އަށް ކުޅެފައި ވަނީ 58 މެޗެވެ.

އިންގްލެންޑުން 2014 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕާއި 2016 ވަނަ އަހަރު ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބާކްލީ ހިމެނިފައިވެއެވެ. އެކަމަކު، 2019 ގެ ފަހުން ބާކްލީ ގައުމީ ޓީމަށް ނުކުޅެއެވެ.