ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބަށް ކުޅެމުން އަންނަ އިނގިރޭސި ޑިފެންޑަރު ޖޭމްސް އާކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޗެލްސީއާއެކު ޖޭމްސް ހަދާފައިވާ އެއްބަސްވުން އާ ކުރަން ނިންމާފައި ވަނީ އޭނާގެ މުސާރަ ބޮޑު ކުރާ ގޮތަށް ކަމަށާއި، ކުރިޔަަށް އޮތް ދުވަސްތަކުގެ ތެރޭގައި އެއްބަސްވުން އާކުރާނެ ކަމަށެވެ.

މިއާއެކު، ޗެލްސީއާއެކު ޖޭމްސް ހަދާ އާ އެއްބަސްވުމުގެ ދަށުން އޭނާ ވެގެންދާނީ ޗެލްސީގެ ތާރީހުގައިވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޑިފެންޑަރަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީން ސީނިއާ ފުޓްބޯޅަ ކެރިޔަރު ފެށި ޖޭމްސް ވަނީ އެ ކްލަބުގައި މިހާތަނަށް ހޭދަކުރި ފަސް ސީޒަނުގައި ކުޅުނު 127 މެޗުގައި 10 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބުގައި ހޭދަކުރި މުއްދަތުގައި ލޯނެއްގެ ދަށުން ވިގަން އެތުލެޓިކްއަށްވެސް ކުޅެފައެވެ.

ޗެލްސީގެ ޒުވާން ޓީމާއެކު ދެ ޕްރިމިއާ ލީގު އަދި ދެ އެފްއޭ ޔޫތު ކަޕް ކާމިޔާބު ކޮށްފައިވާ ޖޭމްސް ވަނީ ޗެލްސީގެ ސީނިއާ ޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ސުޕަ ކަޕްގެ ހޯދާފައެވެ.

މީގެއިތުރުން އިނގިރޭސި ސީނިއާ ޓީމަށް 13 މެޗު ކުޅެފައިވާ ޖޭމްސް ވަނީ އެގައުމުގެ ޒުވާން ޓީމުތަކާއެކު ބައެއް ކާމިޔާބީތައްވެސް ހޯދާފައެވެ.