ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރި ހޯދިއިރު، މެންޗެސްޓާ ސިޓީ އިން ސެވިއްޔާގެ މައްޗަށް 0-4 ގެ ނަތީޖާއަކުން ކުރިހޯދައިފިއެވެ.

ޕީއެސްޖީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ ފަސް ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

މި ލަނޑަށްފަހުވެސް ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ޔުވެންޓަސް އިން ދިޔައީ އެޓީމު ހިފެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް 22 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޕީއެސްޖީއަށް ލީޑު ފުޅާ ކޮށްދީފައެވެ.

ޕީއެސްޖީގެ ލަނޑުތަކާއެކު ޔުވެންޓަސް އިން އެޓީމުގެ ފަހަތް އިތުރަށް ވަރުގަދަކޮށް، ހާފްގެ ބާކީ ބައި ބައިކޮޅަށް ލަނޑެއް ވަދެ ނުދީ ވަނީ ހިފަހައްޓާފައެވެ. މިއާއެކު، ފުރަތަމަ ހާފް ނިމިފައި ވަނީ 0-2 ގެ ނަތީޖާއަކުން ޔުވެންޓަސްގެ މައްޗަށް ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުވެންޓަސް އިން އެޓީމުގެ ކުޅުން ވަރުގަދަ ކޮށްފައިވާއިރު، ލަނޑު ޖެހުމަށްވެސް އެޓީމުން ވަނީ މި ހާފްގައި ގިނަ ފުރުސަތުތައް ހޯދާފައެވެ. މިގޮތުން 53 ވަނަ މިނެޓުގައި މެކެނީ ކާމިޔާބުކުރި ލަނޑަކުން ޔުވެންޓަސް އިން ވަނީ ނަތީޖާގެ ފަރަގު ކުޑަ ކޮށްފައެވެ.

މި މެޗުގައި ލީޑު ފުޅާ ކުރަން ޕީއެސްޖީއަށް ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާއިރު، ނަތީޖާ ހަމަހަމަ ކުރަން ޔުވެންޓަސްއަށްވެސް ވަނީ ފުރުސަތުތައް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ދެޓީމުން ކުރެ ޓީމަކަށްވެސް ފަހުން ހިފިފައެއް ނުވެއެވެ.

ސެވިއްޔާގެ މައްޗަށް ސިޓީ ކުރިހޯދީ ރަށުން ބޭރުގައި ކުޅެއެވެ. މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ ސިޓީންނެވެ. މިގޮތުން އެޓީމުން ވަނީ ސެވިއްޔާގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ސިޓީން މެޗުގެ ލީޑު ނެގީ 20 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އެރްލިންގް ހާލަންޑްއެވެ. އޭނާ އަންނަނީ މި ސީޒަނުގައި އެވްރެޖުކޮށް ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް ސިޓީއަށް ލަނޑު ކާމިޔާބުކޮށް ދެމުންނެވެ.

މި ލަނޑަށްފަހު ވެސް ސިޓީގެ ފަރާތުން އެޓޭކްތަކެއް ފެނުނު ނަމަވެސް، ސެވިއްޔާ އިން ވަނީ ފުރަތަމަ ހާފްގެ ބާކީ ބައި ސިޓީ ހިފަހައްޓާފައެވެ. މިގޮތުން ފުރަތަމަ ހާފް ނިމިފައި ވަނީ 0-1 ގެ ނަތީޖާއަކުން ސެވިއްޔާގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ފިލް ފޯޑެން ވަނީ ސިޓީއަށް ލީޑު ފުޅާ ކޮށްދީފައެވެ. އަދި ނުވަ މިނެޓު ފަހުން ހާލަންޑް ވަނީ ސިޓީއަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. މި މެޗުގެ އިތުރު ވަގުތުގައި ސިޓީގެ ހަަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ ރުބެން ޑިއާޒްއެވެ.