ބެނާޑޯ ސިލްވާ، މެންޗެސްޓަރ ސިޓީއާއެކު އިތުރު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިދިޔަ ސީޒަނުގައި ސިޓީއަށް ތިން ތަށި ހޯދައިދުމުގައި އެންމެ އިސްދައުރެއް އަދާކުރި ސިލްވާ އެކުލަބާއެކު، ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2025 ވަނަ އަހަރުއެވެ. އައު އެއްބަސްވުމާއެކު، އޭނާ 2026 ވަނަ އަހަރާ ހަމައަށް ކްލަބުގައި މަޑުކުރާނެއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން މިދިޔަ ދެ ހޫނު މޫސުމުގައި ވެސް އޭނާ ހޯދުމުގެ މަސައްކަތް ވަނީ ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން ކޮށްފައެވެ. އެގޮތުން އޭނާ ހޯދުމުގެ މަސައްކަތް ޕީއެސްޖީ އާއި ސްޕެއިންގެ ބާސެލޯނާގެ އިތުރުން ސައުދީގެ އަލް ހިލާލުންވެސް ވަނީ ކޮށްފައެވެ.

މިދިޔަ ސީޒަނުގައި ސިލްވާ ވަނީ ސިޓީއަށް 55 މެޗު ކުޅެދީ، ހަތް ލަނޑު ޖަހައި، އަށް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ސިޓީގެ ކޯޗު ކަމާ 2017 ވަނަ އަހަރު ޕެޕް ގާޑިއޯލާ ހަވާލުވީއްސުރެ ކުޅުނު ފަސް ސީޒަނުގައިވެސް ސިލްވާ ވަނީ ސިޓީއަށް ކުޅެފައެވެ. ސިލްވާ ބާސެލޯނާއަށް ބަދަލުވުމާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކުގެ ސަބަބުން އޭނާ އަކީ ބަދަލުނުކުރެވޭނެ ވަރުގެ ކުޅުންތެރިއެއް ކަމަށް މިދިޔަ އަހަރު ގާޑިއޯލާ ވަނީ ބުނެފައެވެ.

ކުލަބާއެކު އެއްބަސްވުން އައުކުރުމަށްފަހު ސިލްވާ ބުނީ، ސިޓީގައި އަބަދުވެސް އޭނާ އަންނަނީ މޮޅުވެ، އެކަމުގެ އުފާ ލިބިގަންނަމުން ކަމަށެވެ. ސިޓީ ދެކެ ވަނީ ޚާއްސަ ލޯތްބެއް ކަމަށާއި، ޓީމުގެ ކުޅުންތެރިންނާއި، ކޯޗާއެކު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށް ވެސް ސިލްވާ ބުންޏެވެ. މީގެ އިތުރުން އޭނާ ބުނީ، ސިޓީ އާއެކު އެއްބަސްވުން އައު ކުރެވުމުން ވަރަށް އުފާވާ ކަމަށެވެ. ހަމައެއާއެކު ސިޓީ ކަހަލަ ވަރުގަދަ، ހުނަރުވެރި ކުޅުންތެރިން ތިބި ސްކޮޑެއްގައި އޭނާ ހިމެނުމަކީ ލިބޭ ޝަރަފެއް ކަމަށް ވެސް ސިލްވާ ވަނީ ބުނެފަ އެވެ.

ސިޓީއިން ވަނީ އައު ސީޒަނުގެ ފުރަތަމަ ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. އާދިއްތަ ދުވަހު ސިޓީ ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ.