އިނގިރޭސި ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ހުނަރުވެރި މިޑްފިލްޑަރ ކެވިން ޑި ބުރޫންއަށް އަނިޔާވެ ސީޒަނުގެ ބޮޑު ބައެއް ގެއްލުމުގެ ބިރު ބޮޑުވެއްޖެއެވެ.

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާއި ހަވާލާދީ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން ކެވިން ޑި ބުރޫންއަށް ލިބުނު އަނިޔާ ސީރިއަސްއެވެ.

"ސާޖަރީ ކުރުމާއި މެދު ގޮތެށް ނިންމަން ޖެހޭނެ ކުރިއަށް އޮތް ދެތިން ދުވަހު، ޔަގީން ވާ ކަމަކީ އޭނާއަށް ނުކުޅެވޭނެކަން އަވަހަށް" ސިޓީގެ ކޯޗު ބުންޏެވެ.

ބެލްޖިއަމްއަށް އުފަން ކެވިން ޑި ބުރޫންއަކީ މެންޗެސްޓަރ ސިޓީގެ މެދު ތެރޭގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ އެއް ކުޅުންތެރިޔާއެވެ. އެކުލަބުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ޑި ބުރޫނާ އަށް ސީޒަނުގެ މިހާ ކުރީކޮޅު އަނިޔާ ވުމަކީ ލީގު ދިފާއު ކުރަން ނިކުމެ އޮތް ސިޓީއަށް ލިބިގެންދާނެ ބޮޑު ގެއްލުމެކެވެ.

ލީގުގެ ފުރަތަމަ މެޗުގައި ބާންލީއާއި ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ލިބުނު މި އަނިޔާގެ ސަބަބުން 31 އަހަރުގެ ޑި ބުރޫނާ އަށް މަދު ވެގެން ހަތަރު މަސް ނުކުޅެވޭނެ ކަމުގައި ސިޓީގެ ކޯޗު ވަނީ ބުނެފައެވެ. ނިމި ދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުގައިވެސް އޭނާއަށް އަނިޔާވެ ވަނީ ބަދަލު ކުރަން ޖެހިފައެވެ.

ނިމިދިޔަ ސީޒަނުގައި ސިޓީއިން ތިން ތަށި ކާމިޔާބު ކުރި އިރު، އޭނާގެ ފަރާތުން 10 ގޯލު ފެނިގެން ދިޔައެވެ. އަދި 31 އެސިސްޓުވެސް ވަނީ ފެނިގެން ގޮސްފައެވެ. އެހެންކަމުން މިއީ ޕެޕް ގާޑިއޯލާއަށް ސީޒަނުގައި ކުރިއަށް ދިޔުމަށް ދިމާވާނެ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

ލީގުގެ ދެވަނަ މެޗުގައި މެންޗެސްޓަރ ސިޓީއިން މި މަހުގެ 20 ވަނަ ދުވަހު ނިކުންނާނީ މިދިޔަ ސީޒަނުގައި ތަފާތު ދެއްކި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށެވެ.