ޔޫރޮޕާ ލީގުގައި އެޑީ އެންކެޓިއޭގެ ލަނޑުން 1-2 ގެ ނަތީޖާއަކުން އާސެނަލް އިން ޒިއުރިޗްގެ މައްޗަށް ކުރިހޯދައިފިއެވެ.

މިއާއެކު، އާސެނަލް އޮތީ ކުޅުނު އެއް މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެޓީމު ހިމެނޭ ގްރޫޕްގެ އެއްވަނައިގައެވެ. ދެވަނައިގައި ޕީއެސްވީ އެއް ޕޮއިންޓާއެކު އޮތްއިރު، ތިންވަނައިގައި އޮތީ ބޯޑޯއެވެ. އަދި ފުލުގައި އޮތީ ޒިއުރިޗްއެވެ.

ޒިއުރިޗް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އާސެނަލް އިންނެވެ. މިގޮތުން އެޓީމުން ދިޔައީ ޒިއުރިޗްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސެނަލް އިންނެވެ. މި ލަނޑު 16 ވަނަ މިނެޓުގައި މާކީނޯސްއެވެ. މި ލަނޑާއެކު އާސެނަލް އިން މެޗުގެ ފުރިހަމަ ކޮންޓްރޯލް ނަގާފައިވާއިރު، ޒިއުރިޗް އިން ވަނީ އެޓީމަށް ލިބުނު މަދު ފުރުސަތުތަކުގައި އާސެނަލްގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޒިއުރިޗް އިން ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިޔޭޒިއުއެވެ. މިއާއެކު ފުރަތަމަ ހާފް ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އާސެނަލް އިން އެޓިމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައިވާއިރު، އެންކެޓިއޭއަށް ވަނީ ލީޑު އަނބުރާ ހޯދުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މިގޮތުން 62 ވަނަ މިނެޓުގައި ލިބުނު ފުރުސަތެއް ބޭނުން ހިފައި، އެންކެޓިއޭ ވަނީ އާސެނަލްއަށް އަނބުރާ ލީޑު ހޯދައިދީފައެވެ.

މި މެޗުގެ ފަހު 20 ވަރަކަށް މިނެޓު ތެރޭގައި ޒިއުރިޗް އިން އެޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެނެސް، ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. ނަމަވެސް އާސެނަލްގެ ގޯލު ފޫ އަޅުވާލެވޭ ވަރުގެ އެޓޭކެއް އެޓީމަށް އުފެއްދިފައެއް ނުވެއެވެ.