ލޯނެއްގެ ދަށުން އިންޓަ މިލާނަށް ބަދަލުވި ޗެލްސީގެ ކުރީގެ ފޯވާޑް ރޮމެލޫ ލުކަކޫ އެނބުރި، ޗެލްސީ އަށް ގޮސްދާނެ ކަމަށް އިންޓަ މިލާންގެ ޑިރެކްޓަރު ގޮސިޕޭ މަރޯޓާ ބުނެފިއެވެ.

ބެލްޖިއަމްގެ ގައުމީ ފުޓްބޯޅަ ޓީމްގައި ވެސް ހިމެނޭ ލުކަކޫ ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ގަދަ ބާރު އިންޓަ މިލާންއާ ގުޅިފައި ވަނީ އެއް އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ކުރިން އޭނާ ވަނީ އިންޓަ މިލާން ދޫކޮށް 97.5 މިލިއަން ޕައުންޑަށް ޗެލްސީ އަށް ބަދަލުވެފައެވެ.

އިންޓަ މިލާންގެ ޑިރެކްޓަރު ބުނީ މި ސީޒަން ނިމުމާ އެކީގައި ލުކަކޫ އާ މެދުގައި ގޮތެއް ނިންމުމަށްޓަކައި ޗެލްސީއާ މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ޗެލްސީގެ އާ ކޯޗު، ގްރަހަމް ޕޮޓާ ބޭނުން ވާނީ ލުކަކޫ ޗެލްސީ އަށް ގެންނަން ކަމަށް ވެސް އިންޓަ މިލާންގެ ޑިރެކްޓަރު ބުނެފައިވެއެވެ.

"އަހަރުމެން ބޭނުން ވަނީ ލުކަކޫގެ ފަރާތުން އެންމެ މޮޅު ކުޅުން ފެންނަން. އެއަށް ފަހު ސީޒަން ނިމުމާ އެކީގައި އޭނާއާ (ލުކަކޫ) އާ ބެހޭ ގޮތުން އިށީނދެ، މަޝްވަރާ ކުރާނީ ޗެލްސީއާ އެކު،" މަރޯޓާ ބުންޏެވެ.

މަރޯޓާ ބުނީ ޗެލްސީގެ ކޯޗު ބަދަލުވުމާ ގުޅިގެން ލުކަކޫގެ ވިސްނުން އޭނާ އަށް ނޭނގޭ ކަމަށެވެ. އާ ސީޒަން ފެށުނު ފަހުން ލުކަކޫ އިންޓާގައި ހޭދަކުރި މުއްދަތުގައި ވަނީ އެއް ގޯލް ޖަހައި އެއް އެސިސްޓް ހަދައިފައެވެ.

މިދިޔަ އަހަރު ޗެލްސީއަށް ގެނައި ލުކަކޫ އަށް މިދިޔަ ސީޒަންގައި އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ލުކަކޫ ވަނީ ޗެލްސީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅެފައެވެ.