ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެނބުރި އިންޓަ މިލާނަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލުކާކޫ އެނބުރި އިންޓައަށް ބަދަލުވާން އެއްބަސްވެފައި ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި އަށް މިލިއަން ޔޫރޯގެ ލޯން ފީއެއް ހިމެނޭ މި އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން ލުކާކޫއަށް މުސާރައިގެ ގޮތުގައި އަށް މިލިއަނެއްހާ ޔޫރޯ ލިބޭ އިރު، ދައްކާ ކުޅުމަށް ބަލާފައި ބޯނަސް ދިނުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

https://twitter.com/FabrizioRomano/status/1539317832613146624

ލުކާކޫ ހޯދުމަށް އިންޓަ އިން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު، އިންޓަ އާއި ޗެލްސީ އެއްބަސްވުމަކަށް އައީ ގިނަ މަޝްވަރާތަކެއް ކުރުމަށްފަހުއެވެ.

އިންޓަ މިލާނާއެކު 2020 ވަނަ އަހަރުގެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި އިޓާލިއަން ލީގު ކާމިޔާބުކުރި ލުކާކޫ ޗެލްސީ އަށް ބަދަލުވީ 135 މިލިއަން ޑޮލަރުގެ ފީއެއްގައެވެ. މިއީ އެއް ކުޅުންތެރިއަކަށް ޗެލްސީގެ ތާރީހުގައި ވެސް އެޓީމުން އެންމެ ބޮޑު ހަރަދެއް ކުރި ފަހަރެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ވެސް މީގެ ކުރިން ކުޅެފައިވާ ލުކާކޫ ވަނީ ޗެލްސީއާއެކު ކްލަބް ވޯލްޑް ކަޕް، އެފްއޭ ކަޕްގެ ދެވަނަ އަދި ލީގް ކަޕްގެ ދެވަނަ ހޯދައިފައެވެ. މީގެ އިތުރުން އޭނާ ވަނީ އިންޓައާއެކު އިޓާލިއަން ލީގު ހޯދައި، ޔޫރޮޕާ ލީގުގެ ދެވަނަ ހޯދާފައެވެ.