ރެއާލް މެޑްރިޑް އިން އެ ކްލަބުގެ ކޯޗު ކާޅޯ އެންޗެލޮޓީއާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ އަހަރު އެނބުރި ރެއާލްގެ ކޯޗުކަމާ ހަވާލުވި އެންޗެލޮޓީ ސޮއި ކޮށްފައި ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގައެވެ. މިގޮތުން އޭނާ ކްލަބާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރެވެ.

ނަމަވެސް ރެއާލް އިން ވަނީ އެންޗެލޮޓީގެ އެއްބަސްވުން އާކުރަން ނިންމައި، އޭނާއަށް އާ އެއްބަސްވުމެއް ދިނުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. އަދި މި އެއްބަސްވުމުގައި އެންޗެލެޓީގެ މުސާރަ ބޮޑު ކުރަންވެސް ވަނީ ނިންމާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ރިޕޯޓްތައް ބުނާގޮތުން އުމުރުން 63 އަހަރުގެ އެންޗެލޮޓީ އާއި ރެއާލްއާ ދެމެދު އޮތީ ވަރަށް ވަރުގަދަ ގުޅުމެކެވެ. މިއާއެކު، ކުރިޔަށް އޮތް ދުވަސްތަކުގައި ދެ ފަރާތުން އެއްބަސްވެވޭ އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކަށް ކޯޗުކަން ކޮށްދީފައިވާ އެންޗެލޮޓީގެ އިރުޝާދުގެ ދަށުން މިހާތަނަށް ރެއާލް އިން 62 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން ބަލިވެފައި ވަނީ އެންމެ ނުވަ މެޗުންނެވެ. ބާކީ 45 މެޗުން މޮޅުވިއިރު، އަނެއް 8 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ރެއާލްއަށް އެނބުރި އައިސް އެންޗެލޮޓީ ވަނީ އެ ކްލަބަށް ސްޕެނިޝް ލީގު، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފައެވެ.