އަންނަ އަހަރު އޮންނަ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ސައުދި އަރަބިޔާ އަތުން 0-11 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިވެއްޖެއެވެ.

ސައުދީގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ގޮސްފައި ވަނީ އެޓީމުންނެވެ. މިގޮތުން ދެވަނަ މިނެޓުގައި އަބްދުﷲ ހާދީ ރާދިފް ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ހުރަހަކުން ބޮލުންނެވެ.

މި ލަނޑަށްފަހުވެސް ސައުދީން ރަނގަޅަށް ކުޅެމުން ގޮސްފައިވާއިރު، ހަ ވަނަ މިނެޓުގައި އެޓީމުން ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު މެޝާރީ ފަހަދް އަލްނެމާ ކާމިޔާބުކުރީ ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ހުރަހަކުން ބޮލުން ކުރިޔަށް ފޮނުވާލައިގެންނެވެ.

ސައުދީގެ ތިންވަނަ ލަނޑު 22 ވަނަ މިނެޓުގައި އަބްދުލްއަޒީޒް ސައުދު ކާމިޔާބު ކުރިއިރު، އޭގެ މިނެޓެއް ފަހުން އަބްދުﷲ ހާދީ ވަނީ ސައުދީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި 36 ވަނަ މިނެޓުގައި އަބްދުﷲ ހާދީ ވަނީ ސައުދީއަށް އިތުރު ލަނޑެއް ކާމިޔާބުކޮށް، އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސައުދީގެ ހަ ވަނަ ލަނޑު ކާމިޔާބުކުރީ މެޝާރީ ފަހަދުއެވެ. މިއާއެކު، ފުރަތަމަ ހާފް ނިމފިައި ވަނީ 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖޭގެ މައްޗަށް ސައުދީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުން ދިޔައީ ސައުދީންނެވެ. މިގޮތުން 53 ވަނަ މިނެޓުގައި ޔާސީން ވަނީ ސައުދީގެ ހަތް ވަނަ ލަނޑު ޖަހާފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ސައުދީގެ ޔަޒީދު ޔަހްޔާ ވަނީ އެޓީމުގެ 8 ވަނަ ލަނޑު ޖަހާފައެވެ.

ސައުދީގެ ނުވަ ވަނަ ލަނޑު 87 ވަނަ މިނެޓުގައި ފެނިގެންދިޔައިރު، މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މަހޭޝަރީ ފަހަދްއެވެ. މި ލަނޑާއެކު އޭޏާ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އަދި ސައުދީގެ 10 ވަނަ ލަނޑު ޔަޒީދު ޔަހްޔާ ކާމިޔާބުކުރިއިރު، 11 ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ސަލެހް އަހުމަދު އެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް ދެ މެޗު ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުން ރާއްޖެ ބަލިވީ އުޒްބެކިސްތާންއާ ވާދަކޮށް 0-7 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނެނީ އުޒްބެކިސްތާން އަދި ސައުދީގެ އިތުރުން މިޔަންމާ އާއި ޗައިނާއާއެކު އެއް ގްރޫޕެއްގައެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި ޗައިނާއާ ދެކޮޅަށް މާދަމާ ކުޅޭއިރު، ކޮލިފައިންގެ ފަހު މެޗުގައި މިޔަންމާއާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.