މި ސީޒަންގެ ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަށް ވުރެ އާސެނަލް މޮޅު ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސިޓީއާ އެންމެ ވާދަވެރިކޮށް މިހާރު ފެންނަނީ އާސެނަލްއެވެ. ލީގުގައި އާސެނަލް ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން ވަނީ މޮޅުވެފައެވެ. ސިޓީ މިހާތަނަށް އައިއިރު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ލީގުގެ ތާވަލް އަށް ބަލާއިރު، ސިޓީ މިވަގުތު އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 23 ޕޮއިންޓާ އެކުގައި އެއްވަނައިގައެވެ. އަށް މެޗުން އާސެނަލް އަށް ލިބެނީ 21 ޕޮއިންޓެވެ.

ލީގުގައި އާސެނަލް އިން އަމިއްލަ ދަނޑުގައި ލިވަޕޫލްއާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗުން އާސެނަލް މޮޅުވެގެން ތާވަލްގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮންނާނެއެވެ.

ކުރިން ގާޑިއޯލާގެ އެސިސްޓެންޓް ކޯޗުކަމުގައި މަސައްކަތްކުރި މިކޭލް އާޓެޓާ މި ސީޒަންގައި އާސެނަލް ވަނީ މުޅިން ވަރުގަދަ ކްލަބަކަށް ބަދަލުކޮށްލައިފައެވެ. ސިޓީ އަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ އެލެކްސެންޑްރާ ޒިންޗެންކޯ އާއި ގެބްރިއަލް ޖެސުސްއާ އެކު ޓީމުން ދައްކަނީ ތަފާތު ކުޅުމެކެވެ. ފްރާންސްގެ ޑިފެންޑަރު ވިލިއަން ސަލީބާއަކީ މިހާރު ލީގުގައި ހުރި އެންމެ މޮޅު އެއް ޑިފެންޑަރެވެ.

އާސެނަލް އިން ދައްކަމުން އަންނަ ކުޅުމަށް ގާޑިއޯލާ ވަނީ ތައުރީފްކޮށްފައެވެ.

"ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި އަހަރުމެން މިއޮތީ ހުވަފެނީ މަގާމެއްގައި، ބާކީ އެއް މެޗުން މޮޅުވެގެން އަހަރުމެން ކޮލިފައި ވާނެ (ޔޫރަޕްގެ ގަދަ 16 ޓީމުގެ ތެރެއަށް). އަހަރުމެން ޖެހޭނީ ކުރިމަތިލާން. ބްރޫޝިއާ ޑޯޓްމަންޑަށް ވުރެ ކުރީގައި އޮވެގެން ނިންމާލުމަކީ މުހިންމު ކަމެއް،" ގާޑިއޯލާ ބުންޏެވެ.

"ޕްރިމިއާ ލީގަށް ބަލާ އިރު، އަހަރުމެން ހަނދާނުން ކައްސާލައިގެން ނުވާނެ އެއް ކަމެއް އެބައޮތް. އެއީ އަހަރުމެންނަށް ވުރެ ރަނގަޅު ޓީމެއް އެބައޮތް ކަން. އެއީ ހަގީގަތަކީ. އާސެނަލް، އަހަރުމެންނަށް ވުރެ ރަނގަޅު މިހާތަނަށް އައިއިރު،"

ސިޓީ ވަނީ ޕްރިމިއާ ލީގުގައި ކުޅުނު ހަތް މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވެފައެވެ. އެ ޓީމު މިރޭ ވަނީ ސައުތެމްޓަންގެ މައްޗަށް 4-0 އިން ކުރި ހޯދައިފައެވެ.