މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ މޭސަން ގްރީންވުޑްގެ މައްޗަށް ރޭޕް ކުރަން އުޅުންކަމުގެ ދައުވާ އުފުލައިފިއެވެ.

އުމުރުން 21 އަހަރުގެ ގްރީންވުޑް ވަނީ މިއަހަރުގެ ޖެނުއަރީ މަހު އަންހެނަކާއެކު ގަދަ ކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލާފައިވަނިކޮށް ކަފާލާތުގެ އުސޫލުތަކާއި ހިލާފުވުމާއި ގުޅިގެން މިއަދު ވަގުތެއްގައި އަނެއްކާ ވެސް އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.

މިކަމާ ގުޅިގެން ޕްރޮސެކިއުޓަރުން ބުނެފައިވަނީ ގްރީންވުޑްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ހަމަ އެ އަންހެން މީހާގެ ޝަކުވާ ލިބިގެން ކަމަށެވެ.

އިންގްލެންޑްގެ ފޯވާޑް ގްރީންވުޑް ވަނީ މިމައްސަލައިގައި އޭނާ ޖެނުއަރީ މަހުން ފެށިގެން ޔުނައިޓެޑަށް ކުޅެވޭ ގޮތް ނުވެފައެވެ. އެގޮތުން އޭގެ ފަހުން އޮތް އެއްވެސް ޕްރެކްޓިސް ސެޝަނެއްގައި ވެސް އޭނާ ބައިވެރިއެއް ނުވެއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން ގްރީންވުޑްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރޭޕް ވޭދަނަ (ކޭސް) އާއި ބެހޭ ސްޕެޝަލިސްޓް ޕްރޮސެކިއުޓާސްގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން އަންހެން މީހާގެ މެޑިކަލް ޓެސްޓް ރިޕޯޓުން އެނގޭގޮތުގައި އެ އަންހެން މީހާގެ ހަށިގަނޑަށް އަނިޔާވެފައި ވާ ކަން ސާބިތުވާ ކަމަށް ބުނެއެވެ.

މެޑިކަލް ރިޕޯޓްގެ ވާހަކަ ހިއްސާކޮށްފައިވާއިރު، އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހެރިއެޓްގެ އަނގަމަތި ވަނީ ފަޅައިގެން ގޮސް ލޭފައިބާފައެވެ. އަދި މޫނާއި ހަތަރެސްފައިގެ އެކި ތަންތަން ނޫފަލާފައިވާއިރު، އާންމުވެފައިވާ އޯޑިއޯ ކްލިޕުން އަޑު އިވޭ ގޮތުގައި އޭނާގެ ނުރުހުމުގައި ގްރޫންވުޑް ކަންތައްތަކެއް ކުރަން އުޅުނެވެ.

ގްރީންވުޑްގެ މައްޗަށް އަންހެނަކު ރޭޕް ކުރަން އުޅުނު ކަމުގެ ދައުވާ އުފުލާފައިވާއިރު، ގެވެށި އަނިޔާ ލިބިފައިވާ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އެއްވެސް ފަރާތެއް ވާނަމަ، އެކަން ލަސްނުކޮށް ކަމާއި ބެހޭ އިދާރާތަކަށް އެންގުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އުމުރުން އެންމެ ހަ އަހަރުގައި މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީއާ ގުޅި، ސީނިއާ ޓީމަށް ގްރީންވުޑް ކުޅެން ފެށީ 2019 ވަނަ އަހަރެވެ.

އިނގިރޭސި ގައުމީ ޓީމަށް ވެސް އެއް މެޗު ކުޅެފައިވާ ގްރީންވުޑް ވަނީ އޭނާ ގައުމީ ޓީމަށް ފުރަތަމަ ނެގި ފަހަރު އަންހެން ކުދިންތަކެއްގެ މައްސަލައިގައި ފިޔަވަޅު އަޅައިފަ އެވެ. އިންގްލެންޑުން އައިސްލޭންޑުގައި ކޭމްޕްކުރި ހޮޓަލަށް، ކޮވިޑުގެ ގައިޑްލައިންތަކާ ހިލާފުވެ، އެ ގައުމުގެ ދެ އަންހެން ކުދިން ހޮޓަލަށް ވެއްދި މައްސަލައިގައި އޭނާއާ އެކު ބައިވެރިވި ފިލް ފޮޑެން ވަނީ ޓީމުން ބާކީކޮށް އެ އަހަރު އަނބުރާ ގައުމަށް ފޮނުވާލައިފައެވެ.