ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ އެތުލެޓިކޯ މެޑްރިޑުގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އިތުބާރު ކުރެވޭ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެންރީކޭ އެތުލެޓިކޯއާ ހަވާލުވާނީ މި މަހު 20 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕަށް ފަހުގައެވެ. ރިޕޯޓުތައް ބުނާ ގޮތުން އެތުލެޓިކޯ މެޑްރިޑަށް ލިބެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ މިހާރުގެ ކޯޗު ޑިއޭގޯ ސިމިއޯނީ މަގާމުން ވަކިކުރަން ކުލަބުން އަންނަނީ ވިސްނަމުންނެވެ. އެންރީކޭ އާއި އެތުލެޓިކޯގެ ބައެއް ކުޅުންތެރިންނާ ސިއްރު ބައްދަލުވުންތަކެއް ވެސް ބޭއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުން އެތުލެޓިކޯ ކެޓުމާއި. ސްޕެނިޝް ލީގުގައި އެ ޓީމުން ނެރެމުން އަންނަ ދަށް ނަތީޖާގެ ސަބަބުން ސިމިއޯނީ އަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.

މިކަމާ ގުޅިގެން އެތުލެޓިކޯގެ ޗީފް އެގްޒެކްޓިވް މިހުއެލް ގިލް މާރިން ވަނީ އެ ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިންނާ ވެސް ބައްދަލުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި އެ ޓީމުގެ އެއް ނަންބަރު ގޯލް ކީޕަރު ޔެން އޮބްލަކް، ކޯކޭ އަދި އެންޓޮއިން ގްރީޒްމަން ހިމެނޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިހާރު އެންރީކޭ އަންނަނީ ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕަށް ތައްޔާރުވަމުންނެވެ. ވޯލްޑް ކަޕަށްފަހު އެންރީކޭ ސްޕެއިންގެ ކޯޗުކަން ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންރީކޭ އަކީ ތަޖުރިބާ ހުރި މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭނެ ކޯޗެކެވެ. އޭނާ ވަނީ މީގެ ކުރިން ސްޕެއިންގެ ބާސެލޯނާ އަށް ކޯޗެއްގެ ގޮތުގައި އިރުޝާދު ދީފައެވެ. ބާސެލޯނާއާއެކު އޭނާ ވަނީ ނުވަ ތައްޓެއް ކާމިޔާބުކޮށްފައެވެ. ބާސެލޯނާގެ ކޯޗުކަން ދޫކޮށްލުމަށްފަހު ސްޕެއިންގެ ކޯޗުކަމާ އޭނާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ.