އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ޕޯޗުގީސް ޕްލޭމޭކަރު، ޔާއޯ ފެލިކްސް، ލޯން ޑީލެއްގެ ދަށުން ޗެލްސީ އަށް ބަދަލުވުމާ ގާތަށް ޖެހިލައިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ފެލިކްސްއަށް ވަނީ އޭނާ ވޯލްޑް ކަޕުގައި ދެއްކި މޮޅު ކުޅުމާއެކު އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް ފާރަލައިފައެވެ. އެތުލެޓިކޯގެ އެންމެ ފުރަތަމަ ވިސްނުމަކީ ވެސް ފެލިކްސް ވިއްކާލުމުގެ ބަދަލުގައި ލޯނެއްގެ ދަށުން އޭނާ ދޫކޮށްލުމަށެވެ.

އެ ގޮތުން، ފެލިކްސް ދޫކޮށްލަން އެތުލެޓިކޯ އިން ލޯން ފީގެ ގޮތުގައި ޑިމާންޑް ކުރަނީ 10-15 މިލިއަން ޑޮލަރެވެ. މަޝްހޫރު ކުޅިވަރު ޖާނަލިސްޓް ފެބްރިޒިއޯ ރޮމާނޯ ބުނާގޮތުން ޗެލްސީން އޮތީ ފެލިކްސް ގެންނަން 13 މިލިއަން ޑޮލަރުގެ ލޯން ފީއެއް ދެއްކުމަށް ތައްޔާރަށެެވެ. އަދި ލޯނަކަށް ފެލިކްސް، ޗެލްސީ އަށް ކުޅޭ ހަ މަހެއްހާ ދުވަހުގެ މުއްދަތުގައި އޭނާގެ މުސާރައިގެ ޖުމްލަ އަދަދު ދައްކާނީ ވެސް ޗެލްސީންނެވެ.

https://www.instagram.com/p/CnM1Vl4oXkR/?igshid=YmMyMTA2M2Y=

ޕޯޗުގަލްގެ ބެންފީކާ ދޫކޮށް، 2019 ވަނަ އަހަރު، ޔާއޯ ފެލިކްސް، 23، 142 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް އެތުލެޓިކޯ އަށް ބަދަލުވިއިރު، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ކްލަބް ލެވަލްގައި އޭނާ އަށް އެކަށީގެންވާ ކުރިއެރުމެއް ނުހޯދުނެވެ. އެހެންވެ، ކްލަބް ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީ ފެލިކްސް ވެސް ހުރީ އާ ޗެލެންޖެއް ނަގަން ވިސްނައިގެންނެވެ.

މި ފަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި އެންމެ އެކްޓިވް ކްލަބެއްގެ ގޮތުގައި ފެންނަނީ ޗެލްސީ އެވެ. ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާގައި މިހާތަނަށް ތިން ކުޅުންތެރިއަކުގެ ސޮއި ހޯދައިފަ އެވެ.