ޗެލްސީ އަށް ކުރިން ކުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު ފްރޭންކް ލަމްޕާޑްގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ވާދަވެރި މެޗުން ޑާބީ ކައުންޓީ މޮޅުވެއްޖެއެވެ.

ލަމްޕާޑް ކޯޗުކޮށްދެމުން އަންނަނީ އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ޑާބީ ކައުންޓީ އަށް ކަމަށްވާއިރު ސީޒަނުގެ ފުރަތަމަ މެޗުން އެޓީމު މޮޅުވީ ރޭ ރެޑިން އާއި ބައްދަލުކޮށް 2-1 އިންނެވެ.

ރެޑިންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް ރެޑިން އިންނެވެ. މި ގޯލު މެޗުގެ 52 ވަނަ މިނެޓްގައި ރެޑިން އަށް ކާމިޔާބުކޮށްދިނީ ބޮޑްވާސަންއެވެ. ނަމަވެސް އޭގެ އަށް މިނެޓްފަހުން ޗެލްސީން ލޯނެއްގެ ދަށުން ޑާބީ އަށް ދޫކޮށްފައިވާ މޭސަން މައުންޓް ވަނީ ޑާބީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލު މައުންޓް ކާމިޔާބުކުރީ ރެޑިންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އަދި މި މެޗުން ޑާބީ މޮޅުވި ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ޓޮމް ލޯރެންސްއެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ލަމްޕާޑް ބުނީ މި މެޗުން ޑާބީ އަށް ލިބުނީ ހައްގު މޮޅެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ.

"މޮޅު މި ވެވުނީ ވަރަށް ވަރަށް އުނދަގޫ މެޗަކުން. މި މެޗުން ކަންތައްތަކެއް ދަސްކުރަންޖެހޭ އަދި ވަރަށް ގިނަ ކަންކަން ރަނގަޅު ވެސް ކުރަންޖެހޭ. އަހަރުމެންނަށް މި ލިބުނީ ވަރަށް މުހިއްމު މޮޅެއް. އެކަން މެޗަށްފަހު ޑާބީގެ ސަޕޯޓަރުން ކުރި އުފާފާޅުކުރުންތަކުން ވެސް އިނގޭނެ" ލަމްޕާޑް ބުންޏެވެ.

ރެޑިން އަތުން ޑާބީ މޮޅުވިއިރު ސީޒަނުގެ ދެވަނަ މެޗުގައި އެޓީމު ބައްދަލުކުރާނީ ލީޑްސް ޔުނައިޓެޑާއެވެ.