ފީފާ ވޯލްޑް ކަޕްގައި މިރޭ ގަތަރާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއް ކަމަށް އިކުއެޑޯގެ ކޯޗު ގުސްޓާވޯ އަލްފާރޯ ބުނެފިއެވެ.

އަލްފާރޯއަކީ ވޯލްޑް ކަޕްގައި އަލަށް ކޯޗުކޮށްދޭ ހަ ކޯޗުންގެ ތެރޭގައި އުމުރުން އެންމެ ދުވަސްވީ ކޯޗެވެ. އަދި މިއީ އަލްފާރޯ 60، ގެ ފުރަތަމަ ވޯލްޑްކަޕް ވެސް މެއެވެ. އެހެންކަމުން، މި މުބާރާތަކީ އޭނާ އަށް ވަރަށް ހާއްސަ މުބާރާތަކަށް ވާނެއެވެ.

އަލްފާރޯ ބުނީ އޭއެފްސީ އޭޝިއަން ކަޕްގައިގަތަރު ކުޅޭ ގޮތަށް މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅެފާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި މިފަހަރު ވޯލްޑް ކަޕްގައި ފެންނާނީ ބްރެޒިލް އާއި އާޖެންޓީނާއާ ދެކޮޅަށް މީގެކުރިން ކުޅުނު އިކުއެޑޯ ނޫން ކަމަށާއި ބަދަލުތަކެއް ފެންނާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރުމެން އަދިވެސް އަމާޒު ކުރަންވީ އިދިކޮޅު ޓީމަށް ވުރެ، އަމިއްލަ ޓީމާ ދޭތެރޭގައި. އެއީ ގިނަ ކަންކަން ބިނާވަނީ އަހަރުމެން ކުރާ ކަމަކާ ގުޅިގެން. އަހަރުމެންނާ ދެކޮޅަށް ކުޅޭ އިދިކޮޅު ޓީމުތަކުން ރަނގަޅު ޓެސްޓެއް ދޭނެ. އަހަރުމެން މި ވާދަ ކުރަން ޖެހެނީ އޭޝިއާގެ ޗެމްޕިއަނުންނާއި، އެފްރިކާގެ ޗެމްޕިއަނުންނާއި ނެދަލެންޑްސްއާ ދެކޮޅަށް،" އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް ކޯޗުކޮށްދިން އަލްފާރޯ ބުންޏެވެ.

އެކުއެޑޯގެ ކޯޗު ގުސްޓާވޯ އަލްފާރޯ ކުޅުންތެރިންނަށް އިރުޝާދު ދެނީ.

 

ގަތަރާއި އިކުއެޑޯ ހިމެނޭ ގްރޫޕް އޭގައި ދެންމެ ހިމެނެނީ އެ ގްރޫޕްގެ ފޭވަރިޓުންގެ ގޮތުގައި އޮތް ނެދަލެންޑްސް އާއި ސެނެގާލްއެވެ. ސެނެގާލްއަކީ އެފްރިކާ ބައްރުގެ ޗެމްޕިއަނުންނެވެ. އަދި ގަތަރަކީ އޭޝިއާ ބައްރުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އެހެންކަމުން މިއީ ހުރިހާ ގޮތަކުން ވެސް ވާދަވެރި ގްރޫޕަކަށް ވާނެއެވެ.

އަލްފާރޯ ބުނީ ގަތަރު މުބާރާތާ ކުރިމަތިލާފައި ވަނީ ކޮންމެވެސް ވަރަކަށް ޒުވާން ކުޅުންތެރިންނާ އެކުގައި ކަމަށެވެ. އަދި ވޯލްޑް ކަޕްގައި ކުޅުމުގެ ތަޖުރިބާ ގަތަރުގެ އިތުރުން އިކުއެޑޯ އާއި ސެނެގާލްގައި ހުރެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އަލްފާރޯ ގަބޫލު ކުރާ ގޮތުގައި ސެނެގާލްއަކީ ވަރުގަދަ ޓީމަކަށް ވާނެއެވެ. އަދި ނެދަލެންޑްސް އިން ވެސް ޒުވާން ސްކޮޑެއް އޮތަސް، އެއީ ވެސް މޮޅު ކުޅުންތެރިން ތިބި ޓީމެއް ކަމަށް އޭނާ ބުންޏެވެ.

"އެމީހުން (ނެދަލެންޑްސް) ވޯލްޑް ކަޕް ފައިނަލްތަކުގައި ވެސް ކުޅެފި މީގެކުރިން. އެކަމަކު، ކޮންމެ ފަހަރަކު ފައިނަލްގައި ނާކާމިޔާބު ވަނީ، މިހާރުގެ ޖެނެރޭޝަން ބޭނުން ވަނީ އެކަން ބަދަލު ކުރަން،" އަލްފާރޯ ބުންޏެވެ.

އަލްފާރޯ ބުނި ގޮތުގައި އޭނާގެ އަތުގައި މިހާރު އޮތީ ދެކުނު އެމެރިކާގެ އެންމެ ޒުވާން ސްކޮޑެވެ. މިއީ ހަލުވި ކުޅުންތެރިންތަކެއް ހިމެނޭ، ފިޒިކަލީ ރަނގަޅު ސްކޮޑެއްގެ ގޮތުގައި އޭނާ ގަބޫލު ކުރެއެވެ.

އަލްފާރޯ ވަނީ އާޖެންޓީނާގެ 10 ކްލްބަކަށް ކޯޗުކޮށް ދީފައެވެ. ކޯޗިން ކެރިއާގައި 26 އަހަރުވެފައިވާ އަލްފާރޯ އަށް އިކުއެޑޯގެ ކޯޗުކަން ހުށަހެޅީ ބޮކާ ޖޫނިއާސްގެ ކޯޗުކަން ދޫކޮށްލިތާ 10 މަސް ފަހުންނެވެ.

ގަތަރާއި އެކުއެޑޯ ބައްދަލު ކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރުއެވެ.