ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް މިއަދު ނެދަލެންޑްސް ނުކުންނާނީ މުބާރާތް މިއަހަރު ބާއްވާ ގަތަރާ ދެކޮޅަށެވެ.

މި މެޗުން ނެދަލެންޑުސް މޮޅުވިޔަސް އަދި އެއްވަރުވިޔަސް، މުބާރާތުގެ ދެވަނަ ބުރަށް ދާނެއެވެ. އަދި ބަލި ވިޔަސް، ގުރޫޕް އޭގައި ސެނެގާލް އާއި އިކުއެޑޯ ބައްދަލުކުރާ މެޗުން އިކުއެޑޯ މޮޅުވެއްޖެނަމަ ނެދަލެންޑްސް ދެވަނަ ބުރަށް ދާނެއެވެ. ނަމަވެސް ގަތަރު ކުޅުނު ފުރަތަމަ ދެ މެޗުންވެސް ބަލިވެފައިވުމާއެކު އެ ޓީމު މިހާރުވެސް ވަނީ މުބާރަތުން ކަޓައިފައެވެ.

ނެދަލެންޑްސް މިއަހަރުގެ މުބާރާތް ފަށާފައިވަނީ ސެނެގާލްއާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އެއާއެކު ދެ ވަނަ މެޗުގައި އިކުއެޑޯއާއި ބައްދަލުކުރަން ނެދަލެންޑްސްއިން ދިޔައީ މޮޅަކާއެކު ދެވަނަ ބުރަށް ދާނެ ކަމުގެ އުންމީދުގައެވެ.

މިދިޔަ ހުކުރު ދުވަހު އިކުއެޑޯއާއި ބައްދަލުކުރި މެޗުގައި ކޯޑީ ގަޕޯ މި ވޯލްޑްކަޕްގައި ޖަހައިދިން ދެވަނަ ލަނޑާއެކު ނެދަލެންޑްސްއިންވަނީ މެޗު ފެށިގެން ހަވަނަ މިނެޓްގައި ލީޑް ނަގާފައެވެ. ނަމަވެސް އިކުއެޑޯގެ އެނާ ވެލެންސިއާ ވަނީ މެޗުގެ 49 ވަނަ މިނެޓްގައި ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. އެއާއެކު މި މެޗު ނިމުނު އިރު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ އިކުއެޑޯއާއި އެކު ނެދަލެންޑްސްއަށް ވަނީ އެ މެޗުގެ ޕޮއިންޓްކޮޅު ބަހާލަން ޖެހިފައެވެ. އެހެންކަމުން މުބާރާތުގައި ކުރިއަށް ދިއުމަށް ނެދަލެންޑްސްއަށް އަދިވެސް މަސައްކަތް ކުރަންޖެހޭނެއެވެ.

ނެދަލެންޑްްސްއާއި އިކުއެޑޯ ބައްދަލުކުރި މެޗުގެ ތެރެއިން ---- ފޮޓޯ: ގެޓީ އިމޭޖަސް

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޖާގައެއް ނެދަލެންޑްސް އަށް ނުލިބުނު ކަމުގައި ވިޔަސް، އޭގެ ކުރިން 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އެ ޓީމު މުބާރާތުގެ ތިން ވަނަ ހޯދިއެވެ. އަދި އޭގެ ކުރިން 2010 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ދެވަނަ ވަނީ ހޯދާފައެވެ. މިއީ ނެދަލެންޑްސް ވޯލްޑްކަޕުގައި ކުޅޭ 11 ވަނަ ފަހަރުކަމުގައި ވާއިރު ކޮންމެ ފަހަރަކުވެސް އެ ގައުމުން ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

ގުރޫޕްގެ އެއްވަނައިގައި އޮވެ ދެވަނަ ބުރަށް ދެވިއްޖެނަމަ ނެދަލެންޑްސްއަށް ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ ގުރޫޕް ބީގެ އިންގްލެންޑް، އިރާން، އެމެރިކާ ނުވަތަ ވޭލްސްއާއެވެ. މިއިން ކޮންމެ ގައުމަކަށްވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބަ އޮތެވެ.

ގަތަރު މުބާރާތުގައި ފުރަތަމަ ކުޅުނު ދެމެޗުންވެސް ބަލިވެފައިވުމުން އެ ގައުމަކަށް ދެން ދެވަނަ ބުރަކުން ފުރުސަތެއް ނެތެވެ. ގަތަރު މުބާރާތް ފަށާފައި ވަނީ އިކުއެޑޯއާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން ބަލިވެގެންނެވެ. އަދި މިދިޔަ ހުކުރު ދުވަހު އެ ގައުމުން ސެނެގާލްއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުން ވަނީ 3-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ގަތަރުން މި މުބާރާތުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 74 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި މުހަންމަދު މުންތާރީއެވެ. މުބާރާތް މިފަހަރު ބާއްވާ ގަތަރު މިރޭ ނުކުންނާނީ މިއަހަރުގެ ވޯލްޑްކަޕްގައި ގަތަރު ކުޅޭ ފަހު މެޗަށެވެ.

މިއީ ގަތަރު ވޯލްޑަކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހު ގަލްފް ކަޕުގެ ތައްޔާރީތަކާއެކު އަނެއްކާވެސް އާ ވާދަވެރި ރޫހެއްގައި ގަތަރު ފެނިގެންދާނެއެވެ.

ގަތަރާއި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން ---- ފޮޓޯ: ގެޓީ އިމޭޖަސް

މިރޭގެ މެޗަކީ ގަތަރާއި ނެދަލެންޑްސް ދަނޑުމަތިން ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެހެންކަމާއެކު މިއަދުގެ މެޗު ވެގެންދާނީ ތާރީހީ މެޗަކަށެވެ. އަދި ހާއްސަކޮށް ގަތަރު މިއަދު މޮޅުވެއްޖެނަމަ ތާރީހުގައި ލިޔެވޭނެއެވެ.

ގަތަރާ ދެކޮޅަށް ނުކުންނައިރު ނެދަލެންޑްސްގެ ކޯޗު ވެން ގާލް އަށް ބޮޑެތި ނިންމުންތަކެއް ނިންމަންޖެހޭނެއެވެ. އަނިޔާއަކަށްފަހު މުޅިން ފިޓް ނުވުމުން މުބާރާތުގެ ފުރަތަމަ ދެމެޗުގައިވެސް މެމްފިސް ޑިޕޭ ފެނިގެން ގޮސްފައިވަނީ ބެންޗުންނެވެ. ނަމަވެސް ބާސެލޯނާގެ އެޓޭކަރ މި މެޗުން ފެނިގެން ދިއުން އެކަށީގެންވެއެވެ.

ފަހަތުން ޖުރިއެން ޓިމްބަރ އަދި މެތިޖްސް ޑެ ލިޓް ފެނިގެންދާނެކަމަށް ބެލެވޭއިރު، މިޑް ފީލްޑުން ބަދަލުތަކެއް ފެނިގެންދާނެކަމަށް ލަފާކުރެވެއެވެ. ބެލެވޭ ގޮތުން ޓިއުން ކޫޕްމީނާސް ގެ ބަދަލުގައި މިޑްފީލްޑުން ފެނިގެންދާނީ ސްޓީވެން ބާގުއިސްއެވެ.

ވޯލްޑްކަޕުގައި މިހާތަނަށް ގަޕޯ ދެ ލަނޑު ޖަހައިދީފައިވާއިރު، މިރޭވެސް މެމްފިސް އަދި ސްޓީވެން ބާގްވިން އާއެކު އޭނާ ފެނިގެންދާނެކަމަށް ބެލެވެއެވެ. އަދި ޑޭވީ ކްލާސެން ފެންނާނީ ބެންޗުން ކަމަށް ލަފާކުރެވެއެވެ.

ގަތަރަށް ބަލާއިރު ކުރީ ދުވަހު ގޯލު ޖަހައިދިން މުހަންމަދު މުންތާރީ މިރޭ ފުރަތަމަ 11 އިން ފެނިގެން ދިއުން އެކަށީގެންވެއެވެ. މިދިޔަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި އަބްދުލްއަޒީޒް ހާތިމްވެސް ދެވަނަ ހާފްގައި މޮޅު ކުޅުމެއް ދައްކަފައިވުމުން މިއަދު އޭނާވެސް ފުރަތަމަ 11 އިން ފެނިގެން ހިނގައިދާނެއެވެ. މުންތާރީއާއި އެކު ކުރިން ދެން ފެންނާނީ ގައުމީ ޓީމަށް 42 ގޯލު ކާމިޔާބު ކޮށްދީފައިވާ އަލްމޮއެޒް އަލީ އެވެ. އަދި މި މެޗުން ގައުމީ ޓީމަށް 170 މެޗު ކުޅެދީ 36 ގޯލު ކާމިޔާބުކޮށްދީފައިވާ ޓީމުގެ ކެޕްޓަން ހަސަން އަލް ހައިދޫސް ވެސް ފެނިގެންދާނެކަމަށް ބެލެވެއެވެ.

ގަތަރުގެ އަލްބައިތު ސްޓޭޑިއަމްގައި ނެދަލެންޑްސްއާއި ގަތަރު ބައްދަލުކުރާ މެޗު ފެށޭނީ ރާއްޖެ ގަޑިން މިރޭ އަށެއް ޖަހާއިރުއެވެ.