ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ މޮރޮކޯ އާއި ކެނެޑާ ބައްދަލުކުރި މެޗުން 2-1 ގެ ނަތީޖާއަކުން މޮރޮކޯ މޮޅުވެ ގުރޫޕްގެ އެއް ވަނައިގައި އޮވެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މިއާއެކު ގުރޫޕް ޑީ އިން ދެވަނަ ބުރަށް ގޮސްފައިމިވަނީ މޮރޮކޯއާއި އެކު ގުރޫޕްގެ ދެ ވަނައިގައި އޮތް ކްރޮއޭޝިއާއެވެ. މިރޭ ކްރޮއޭޝިއާ އާއި ބެލްޖިއަމް ބައްދަލުކުރި މެޗު ވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މޮރޮކޯއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު ކްރޮއޭޝިއާ އޮތީ ފަސް ޕޮއިންޓާއެކުގައެވެ. އަދި ތިންވަނައިގައި ބެލްޖިއަމް އޮތީ ހަތަރު ޕޮއިންޓާއެކުގައެވެ. ކެނެޑާ އޮތީ ޕޮއިންޓެއް ނުލިބި ގުރޫޕް ގެ ފުލުގައެވެ.

މިއީ 1986 ވަނަ އަހަރުގެ ފަހުން މޮރޮކޯ ވޯލްޑްކަޕްގެ ދެވަނަ ބުރަށް ދިޔަ ފުރަތަމަ ފަހަރެވެ.

މި މެޗަށް ކުރިމަތިލިއިރު ވެސް ފުރަތަމަ ދެ މެޗުން ބަލިވެ ކެނެޑާއަށް ވަނީ ދެވަނަ ބުރުގެ ފުރުސަތު ގެއްލިފައެވެ. މިއީ 36 އަހަރު ފަހުން ކެނެޑާ ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ކެނެޑާ އިން އެންމެ ފުރަތަމަ ވޯލްޑް ކަޕެއް ކުޅުނީ 1986 ވަނަ އަހަރެވެ. އޭގެ ފަހުން އެ ޓީމު މުބާރާތަށް ކޮލިފައިވެފައެއް ނުވެއެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މި މެޗު ފެށިގެން ދެ ޓީމުންވެސް ކުޅެމުންދިޔައީ ވަރަށް ހަމަ ޖެހިގެންނެވެ. ގިނަ ޕާސްތަކެއްކޮށް މެޗުގެ ތެރެއަށް ވަންނަން ބޮޑަށް މަސައްކަތް ކޮށްފައިވަނީ މޮރޮކޯއިންނެވެ. ކެނެޑާއިންވެސް އެމީހުންގެ ވަރުގަދަ ކުޅުންތެރިން ބޭނުންކޮށްގެން ކައުންޓަރއެޓޭކް ކުރުމަށް މަސައްކަތް ކުރަމުން ދިޔަކަން ފާހަގަވިއެވެ. ނަމަވެސް މެޗުގެ ތިންވަނަ މިނެޓްގައި ކެނެޑާގެ ކީޕަރަށް ހެދުނު ގޯހަކާއެކު މޮރޮކޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ހަކީމް ޒިޔެޝް އެވެ. މި ލަނޑާއެކު މޮރޮކޯ ވަނީ ގަދަ 16 އަށް ދިއުމުގެ އުންމީދު އާކޮށްފައެވެ.

ޒިޔެޝް މޮރޮކޯގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނުމަށްފަހު އުފާ ފާޅުކުރަނީ ---- ފޮޓޯ: ސްކައިސްޕޯޓްސް

މެޗުގެ 15 ވަނަ މިނެޓްގައި ކެނެޑާއަށް ވަނީ ފުރުސަތެއް ލިބިފައެވެ. ލެރިން ވަނީ ވަރަށް ބާރަށް ދުވެފައި ގޮސް ބުޗަރިން އަށް ބޯޅައެއް ޕާސްކޮށްފައެވެ. ނަމަވެސް ބުޗަރިންއަށް މި ބޯޅަ މިސްވުމުން މި ފުރުސަތު ވަނީ ގެއްލިފައެވެ.

މޮރޮކޯއިން ދޫ ދިނުމެއްނެތި ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މެޗުގެ 23 ވަނަ މިނެޓްގައި މޮރޯކޯގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކުރުމެވެ. މިއީ އަންނަސީރީ މެދު ރޮނގު ކައިރިން ބޯޅަ ހިފައިގެން ވަރަށް ބާރަށް ދުވެފައި ގޮސް ޖަހާފައިވާ ވަރަށް ރީތި ލަނޑެކެވެ. ކެެނެޑާގެ ޑިފެންސްގެ ކުޅުންތެރިންނަށް ވަނީ އޭނާއާއި އަރާ ހަމަ ނުކުރެވިފައެވެ. އަދި ކީޕަރަށް ވަނީ އަންނަސީރީ ވަރަށް ބާރަށް ތިރިން ފޮނުވާލި މި ބޯޅަ މަތަކުރެވޭ ގޮތް ނުވެފައެވެ.

މެޗުގެ 32 ވަނަ މިނެޓްގައިވެސް މޮރޮކޯއަށް ވަނީ ފުރުސަތެއް ލިބިފައެވެ. ހަކީމީ ކަނާތް ފަރާތުން ގޮސް ސަބީރީ އަށް ވަނީ ބޯޅަ އެއް ފޮނުވާލާފައެވެ. ނަމަވެސް ކެނެޑާގެ ޑިފެންސުން ވަނީ މި ބޯޅަ ދިފާއުކޮށްފައެވެ.

ކެނެޑާގެ އަޑަކޫބީ މެޗުގެ 39 ވަނަ މިނެޓްގައި ފޮނުވާލި ބާރު ހަމަލާ މޮރޮކޯގެ އަގުއާޑްގެ ފައިގައި ޖެހިފައި ވަނީ މޮރޮކޯގެ ގޯލަށް ވަދެފައެވެ. ކީޕަރު ބޫނޫ މި ހަމަލާ ދިފާއުކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ. އެއާއެކު މެޗުގެ ނަތީޖާ ވަނީ 2-1 އަކަށް ބަދަލުވެފައެވެ. މި ލަނޑަކީ ވޯލްޑްކަޕް 2022 ގެ 100 ވަނަ ލަނޑެވެ. އަދި މިއީ މުބާރާތުގައި ބައިކޮޅަށް ޖެހި ފުރަތަމަ ލަނޑެވެ.

އަންނަސީރީ މޮރޮކޯގެ ދަވަނަ ގޯލް ކާމިޔާބު ކޮށްދެނީ. --ފޮޓޯ: ރޮއިޓާސް

މޮރޮކޯގެ އަންނަސީރީ ވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައިވެސް ރީތި ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް އޮފްސައިޑްގެ ސަބަބުން ރެފްރީ ނިންމާފައިވަނީ މިއީ ގޯލެއް ނޫންކަމުގައެވެ.

ދެޓީމުން ވެސް ދެވަނަ ހާފް ފަށާފައިވަނީ ވަރުގަދަކޮށެވެ. ނަމަވެސް 48 ވަނަ މިނެޓްގައި ޒިޔެޗް ވަނީ ހަމަލާއެއްދޭން މަސައްކަތްކޮށްފައެވެ. ނަމަވެސް ޒިޔެޗް މަތިން ފޮނުވާލި ބޯޅަ ކީޕަރު ބޮރްޖަން ވަނީ ފަސޭހަކަމާއެކު ހިފާފައެވެ.

ދެވަނަ ހާފްގެ ފުރަތަމަ 15 މިނެޓް ހިނގިއިރު ފުރަތަމަ ހާފާއި ހިލާފަށް ގިނަ އިރު ބޯޅަ ހިފަހައްޓާ ރަނގަޅަށް ކުޅެމުން ދިޔައީ ކެނެޑާއިންނެވެ. އެގޮތުން ކެނެޑާއިން ދިޔައީ ހަމަލާތައްވެސް އުފައްދަން މަސައްކަތް ކުރަމުންނެެވެ. ނަމވެސް މޮރޮކޯގެ ގޯލަށް މާ ބޮޑު ނުރައްކަލެއް ވާފަދަ ހަމަލާއެއް ކެނެޑާއަށް އުފެއްދިފައެއް ނުވެއެވެ.

ކެނެޑާ އާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އަލްޖަޒީރާ

މެޗުގެ ދެނަ ހާފްގެ ފަނަރަ މިނެޓް ހިނގައިދިޔައިރު މޮރޮކޯއިން ބޮޑަށް ފެނުނީ ފަހަތުގައި ތިބެގެން އަމިއްލަ ހާފުން ކައުންޓައެޓޭކްތައް އުފެއްދޭތޯ މަސައްކަތް ކުރާ ތަނެެވެ.

މެޗުގެ 58 ވަނަ މިނެޓްގައި ހޮއިލެޓް ނަގައިދިން ހުރަހެއް އަލްފޮންސޯ ޑޭވިސް ވަނީ ފޮނުވާލާފައެވެ. ނަމަވެސް މި ހަމލާ ގޯލަށް އަމާޒުވާގޮތް ވަނީ ނުވެފައެވެ.

މެޗުގެ 70 މިނެޓާއި ގާތްވިއިރު މޮރޮކޯއިން ވަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިފައެވެ. އެމީހުން ފާއިތުވި 20 މިނެޓް ތެޜޭގައި އެއްވެސް ހަމަލާއެއް އުފައްދާފައެއް ނުވެއެވެ. ނަމަވެސް ކެނެޑާއަށްވެސް އަދި މޮރޮކޯގެ ޑިފެންސް ފޫ އަޅުވާލެވޭ ވަރެއް ނުވެއެވެ.

ކެނެޑާއިން މެދު ކެނޑުމެއްނެތި ކުޅެމުން ދިޔަ ރަނގަޅު ކުޅުމުގެ ނަތީޖާއަކަށްވީ މެޗުގެ 70 ވަނަ މިނެޓްގައި ވރަށް ނުރައްކާތެރި ހަމަލާއެއް އުފެއްދުމެވެ. މެޗުގެ 70 ވަނަ މިނެޓްގައި ހޮއިލެޓް ނަގައިދިން ކޯނަރަކުން ހަޗިންސަން ބޮލުން ފޮނުވާލި ބޯޅަ ގޮސް ގޯލުގެ މަތީ ދަނޑީގައި ޖެހިފައި ގޯލް ލައިންގެ މައްޗަށް ވަނީ ބައުންސްވެފައެވެ. އަދި ބޭރުވި ބޯޅަ އަނެއްކާވެސް ކެެނެޑާގެ ކުޅުންތެރިއަކު ވަނީ ގޯލަށް ފޮނުވާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މޮރޮކޯގެ ޑިފެންޑަރުންގެ ޕްރެޝަރާއި ހެދި މި ބޯޅަ ގޮސްފައިވަނީ ގޯލުގެ މަތިން ބޭރަށެވެ.

ކެނެޑާ އާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އަލްޖަޒީރާ

މެޗުގެ 80 ވަނަ މިނެޓާއި ހަމައަށް އައިއިރު މި ހާފްގައި ވެސް މޮރޮކޯއަށް ވުރެ ބޮޑަށް ބޯޅަ ހިފަހައްޓާ ހަމަލާތައް އުފައްދާފައިވަނީ ކެެނެޑާއިންނެވެ. މޮރޮކޯ ޓީމުން އަމިއްލަ ހާފްގައި ތިބެގެން ކުޅެމުން ދިޔައީ ވަރަށް ޑިފެންސިވް ގޭމެެކެވެ. ނަމަވެސް މޮރޮކޯއިން ފަހަތުގައި ތިބެގެން ދޭތެރެ ދޭތެރެއިން ކައުންޓަރ އެޓޭކް ކުރުމުގެ މަސައްކަތް ކުރަމުންދިޔައެވެ.

މި މެޗުގައި މޮރޮކޯ އިން ވަނީ ކެނެޑާގެ ގޯލަށް ހަތަރު ހަމަލާ ފޮނުވާލާފައެވެ. މީގެ ތެރެއިން ދެ ހަމަލާ ވަނީ އަމާޒަށް ސީދާވެފައެވެ. އަދި ކެނެޑާ އިން ހަ ހަމަލާ ފޮނުވާލާފައި ވާއިރު އަމާޒަށް ސީދާވެފައިވަނީ އެއް ހަމަލާއެވެ. މެޗުގައި މޮރޮކޯއަށް ދެ ކޯނަރު ލިބިފައިވާއިރު ކެނެޑާއަށް ފަސް ކޯނަރު ވަނީ ލިބިފައެވެ.

މޮރޮކޯ މުބާރާތުގައި ފުރަތަމަ ބައްދަލުކުރީ ކްރޮއޭޝިއާ އާއެވެ. އެމެޗުން ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އަދި ދެވަނަ މެޗުގައި ބެލްޖިއަމްއާއި ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ.

ކެނެޑާ ފުރަތަމަ މެޗުގައި ވަނީ ބެލްޖިއަމް އާއި ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ 4-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.