ފީފާ ވޯލްޑް ކަޕްގައި އެންމެ ގިނަ ބައެއްގެ ފޭވަރިޓުންނަކީ ބްރެޒިލްއެވެ. ބްރެޒިލްއަކީ ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު ގައުމު ވެސް މެއެވެ. ބްރެޒިލުން ވަނީ ޖުމުލަ ފަސް ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށް ރެކޯޑް ހަދައިފައެވެ. ދުނިޔޭގެ ރޭންކިންގްގެ އެއް ވަނައިގައި އޮތް ބްރެޒިލް ރޭ ކެމަރޫން އަތުން ބަލިވުމަކީ ގިނަ ބަޔަކަށް ގަބޫލު ކުރަން ދަތި ކަމަކަށް ވެސް ވަނީ ވެފައެވެ.

މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް އިން ވީ ފުރަތަމަ ބައްޔެވެ. ކެމަރޫން އަށް ލިބުނު މި މޮޅާ އެކު އެގައުމު ވެގެންދިޔައީ ވޯލްޑް އެންމެ ކާމިޔާބު ޓީމުގެ މައްޗަށް އެ މުބާރާތުގައި ކުރި ހޯދި އެފްރިކާގެ ފުރަތަމަ ޓީމަށެވެ. ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް މި މޮޅުގެ ސަބަބުން ކެމަރޫން އެނބުރި ގައުމަށް ދާނީ އުފަލާ އެކު އެވެ.

ކެމަރޫން އިން މެޗުގައި މޮޅުވި ލަނޑު ޖަހާފައި ވަނީ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، މި ގޯލް ޖަހާފައި ވަނީ ވިންސެންޓް އަބޫބަކަރްއެވެ. މި ލަނޑު ޖެހުމަށް ފަހު، އަބޫބަކަރް ޖާޒީ ބާލައި އުފާ ފާޅު ކުރުމުން ރެފްރީ ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކުގައި ރަތް ކާޑު ދައްކައިފައެވެ. އޭގެ ކުރިން ފައުލަކާ ގުޅިގެން އޭނާ އަށް އޮތީ ރީނދޫ ކާޑު ދައްކައިފައެވެ.

އަބޫބަކާ ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

އެހެންވިޔަސް ރެފްރީ ކާޑު ދެއްކީ ހިނިތުންވެ ހުރެއެވެ. މިއީ ހިތާ ދެކޮޅަށް ނިންމުމެއް ކަމަށް ދޭހަވާ ގޮތަކަށް މޭމަތީގައި އަތް ވެސް ބާއްވާލިއެވެ. އަދި އަބޫބަކަރްގެ ގޯލަށް މަރުހަބާ ކިޔުމުގެ ގޮތުން އޭނާގެ ބުރަކަށީގައި ފިރުމާލިއެވެ. އެއަށް ފަހު ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ. ސައޫދީ އަރަބިއްޔާގެ އައް ނަސްރު އަށް ކުޅޭ އަބޫބަކަރް ވެސް އެ ކާޑު ބަލައިގަތީ އިހުތިރާމާ އެކުއެވެ. އޭނާ ދަނޑުން ފައިބައިގެން ދިޔައީ ހިނިތުންވެ ހުރެ އެވެ.

މީގެ 29 އަހަރު ކުރިން 1994 ގައި ބޭއްވި ވޯލްޑް ކަޕްގައި ބްރެޒިލް ވަނީ 3-0 އިން ކެމަރޫން ބަލިކޮށްފައެވެ. އަދި 2004 ވަނަ އަހަރު ބްރެޒިލް ވަނީ 4-1 އިން ކެމަރޫން ބަލިކޮށްފައެވެ.

ކެމަރޫން އެންމެ ފުރަތަމަ ވޯލްޑް ކަޕް މެޗެއް ކުޅުނީ 1982 ވަނަ އަހަރު ޕެރޫއާ ދެކޮޅަށެވެ. ކެމަރޫން ވޯލްޑް ކަޕް މެޗަކުން އެންމެ ފުރަތަމަ މޮޅުވީ 1990 ވަނަ އަހަރު އާޖެންޓީނާ އަތުންނެވެ. ދެކުނު އެމެރިކާގެ ގައުމުތަކާ ދެކޮޅަށް ކެމަރޫން ކުޅުނު މެޗުތަކުގެ ތެރެއިން ދެ މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވިއެވެ. އެ ޓީމު ދެ މެޗުން ބަލިވެފައިވާ އިރު، އެ ދެ ފަހަރު ވެސް ކެމަރޫން ބަލިވީ ބްރެޒިލް އަތުންނެވެ.

އެފްރިކާގެ ގައުމުތަކާ ދެކޮޅަށް ވޯލްޑް ކަޕްގައި ބްރެޒިލް ކުޅުނު ހަތް މެޗުގައި ވެސް އެ ޓީމު ވަނީ ކުރި ހޯދައިފައެވެ. އެ މެޗުތަކުގައި ބްރެޒިލް 20 ލަނޑު ޖެހިއިރު، އެ ޓީމު ކޮޅަށް ވަނީ އެންމެ ދެ ލަނޑެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖެރާޑް

    ތި ރެފްރީ އިސްމާއިލް ފަތުޙް އަކީ އެފްރިކާގެ މޮރޮކޯގެ ކަސަބްލަންކާއަށް އުފަން މިހާރު އެމެރިކާގެ ރައްޔިތެއް.. އެހެންވީމަ އެފްރިކާއަށް ލޯބި އޮންނާނެ..