ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ކަމާއި އިޓަލީއަށް ނިސްބަތްވާ ކާލޯސް އެންޗޮލެޓީ އައްޔަންކުރުމަށް ނިންމި ނިންމުމާއި ދޭތެރޭ އެ ގައުމުގެ ރައީސް ލޫލާ ޑި ސިލްވާ ސުވާލު އުފައްދަވާފިއެވެ.

"އޭނާ ދުވަހަކުވެސް އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމާއި ހަވާލުނުވޭ. އިޓަލީގެ މަސްރަހު ހައްލުކުރަން ނޫޅެނީ ކީއްވެތޯ"، އެންޗޮލެޓީ ބްރެޒިލް ޓީމްގެ ކޯޗްކަމާއި ހަވާލުވުމާއި ބެހޭގޮތުން ވާހަކަދައްކަވަމުން ލޫލާ މިފަދައިން ވިދާޅުވުމުން ކުޅިވަރުގެ ޚަބަރުތައް ވަނީ އޭނާއަށް ބްރެޒިލްގެ ފުޓްބޯޅައާއި ބެހޭ މައި އިދާރާގެ ނިންމުން އެހާ ކަމަކު ނުދާ ކަމަށް ލަފާކޮށްފައިއެވެ.

މީގެ އިތުރަށްވެސް، ގަތަރުގައި ބޭއްވުނު ނިމިދިޔަ ވޯލްޑް ކަޕަށް އިޓަލީ ވިލާތް ކޮލިފައިވެފައި ނެތްކަންވެސް އެސްބީޓީއަށް ދެއްވި އިންޓަވިއުގައި ލޫލާ ވަނީ ފާހަގަކުރައްވާފައިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ލޫލާ ބޭނުންވަނީ ބްރެޒިލް ގައުމީ ޓީމްގެ އިންޓެރިމް ކޯޗް ފާނަންޑޯ ޑިނިޒް މި މަގާމަށް އައްޔަންކުރައްވާށެވެ. ޑިނިޒްގެ މަސައްކަތާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ލޫލާ ވިދާޅުވެފައިވެއެވެ. އަދި ހަމައެއާއިއެކު، އޭނާ ވަނީ ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަނގަޅު ކުޅުންތެރިން މަދުވުން ކަމަށް ފާހަގަކުރައްވާފައިއެވެ.

"މައްސަލައަކީ ޑިނީޒްއެއް ނޫން؛ މައްސަލައަކީ އެހެން ދުވަސްވަރު ތިބި ކުޅުންތެރިންގެ ފެންވަރު މިހާރުގެ ކުޅުންތެރިންގެ ކިބައިގައި ނެތުން" ލޫލާ ވިދާޅުވިއެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން (ސީބީއެފް) އިން ވަނީ 2024 ވަނަ އަހަރުގެ މެދުތެރޭގައި ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗްގެ މަގާމާ އެންޗޮލެޓީ ހަވާލުވާނެ ކަމަށް ބުނެފައެވެ. ސީބީއެފްގެ ރައީސް އެޑްނަލްޑޯ ރޮޑްރިގޭސް ހާމަކުރެއްވި ގޮތުގައި ޑިނިޒް ސެލެކާއޯ ވަގުތީ ގޮތުން އަހަރެއްހާ ދުވަހު ކޯޗްކަމާއި ހަވާލުވާއިރު، އެންޗޮލެޓީ މަގާމާއި ހަވާލުވާނީ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގައި ރެއާލް މެޑްރިޑާއިއެކު އޭނާ މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ.