ލޯނު އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް މަތެއުސް ކުންހާ ޕްރިމިއާ ލީގުގެ ވުލްވްސް އަށް ބަދަލުވެއްޖެއެވެ.
އުމުރުން 23 އަހަރުގެ ފޯވާޑް އެ ކުލަބަށް ގުޅުނުކަން ވުލްވްސް އިން މިހާރު ވަނީ ރަސްމީކޮށް އިއުލާނު ވެސް ކޮށްފައެވެ. ކުންހާ ވުލްވްސް އަށް ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ. ކުންހާ ވުލްވްސް އަށް ބަދަލުވީ ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ދާއިމީ އެއްބަސްވުމެއް އެކުލަވާލެވޭނެ ގޮތަށެވެ. ކުންހާ ހޯދުމަށް ވުލްވްސް އިން އެތުލެޓިކޯ އަށް 50 މިލިއަން ޔޫރޯ ދައްކާނެ އެވެ.
ކުންހާ އޭނާގެ ސީނިއާ ކެރިއަރު ފެށީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އާރްބީ ލައިޕްޒިގާއި، ހާތާ ބީއެސްސީ އަދި އެތުލެޓިކޯ އަށް ކުޅެފަ އެވެ. ކުންހާ ވަނީ އެތުލެޓިކޯ އަށް ކުޅެދިން 54 މެޗުގައި ހަތް ލަނޑު ޖަހާފަ އެވެ.