ގަތަރުގައި ކުރިޔަށްދިޔަ ފީފާ ވޯލްޑް ކަޕްގެ އެންމެ ރީތި ލަނޑަކަށް ބްރެޒިލްގެ ރިޗާލިސަންގެ ބައިސިކަލް ކިކް ހޮވިއްޖެއެވެ.

ލުސައިލް ސްޓޭޑިއަމްގައި ކުޅުނު ބްރެޒިލް އަދި ސާބިއާ ބައްދަލުކުރި މެޗްގައި ބްރެޒިލްގެ ރިޗާލިސަން ވަނީ ދެ ގޯލު ކާމިޔާބުކޮށްދީފައެވެ. ވިނިޝަސް ފޮނުވާލި ހަމަލާ ސާބިއާގެ ކީޕަރު މިލިންކޮވިޗް-ސަވިޗް މަތަކުރި ބޯޅަ ރިބައުންސަށް ނުކުތް ވަގުތު އެ ބޯޅަ ގޯލަށް ފޮނުވާލީ ރިޗާލްސަން އެވެ. މެޗުގައި އެހާތަނަށް އެންމެ މަދުން ބޯޅައިގައި ޓަޗް ކުރި ރިޗާލްސަންގެ އެ ގޯލާއެކު ބްރެޒިލަށް ހިތްވަރު ލިބި އިތުރު ހަމަލާތަކެއް އުފެއްދި އިރު، 68 ވަނަ މިނަޓުގައި ރިޗާލްސަން ވަނީ ހިތްގައިމު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މިއީ “ބައިސްކަލް ކިކް” އަކުން އޭނާ ޖެހި ސަޅި ގޯލެކެވެ. މިއީ އޭނާ ޕްރެކްޓިސްކޮށްގެން ކާމިޔާބުކުރި ގޯލެކެވެ.

އެ ލަނޑަކީ ބެލުންތެރިންގެ ފަރާތުން އެންމެ ގިނަ ވޯޓު ލިބުނު ލަނޑުކަމަށް ފީފާއިން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

މި ގޯލު ޖެހުމާއެކު ރިޗާލިސަން ވަނީ މުޅި ދުނިޔެއަށް ވިދާލައިފައެވެ. އަދި ރިޗާލިސަންއަށް ވަނީ ގިނަ ބައެއްގެ ތައުރީފް ވެސް ލިބިގެން ގޮސްފައެވެ.

“އެއީ ކުޑައިރުގެ ހުވަފެނެއް ހަގީގަތަކަށް ވެގެން ދިޔަ ކަމެއް،” ބްރެޒިލްގެ ޓީވީ "ގްލޯބޯ" އަށް ދިން އިންޓަރވިއުއެއްގައި ރިޗާލިސަން ބުންޏެވެ.

މިއަހަރުގެ ވޯލްޑް ކަޕް މުބާރާތުން ބްރެޒިލް އަލްވަދާއުކިޔާފައިވަނީ ކުއާޓަރ ފައިނަލްގައި ކްރޮއޭޝިއާ އަތުން ޕެނެލްޓީން ބަލިވެގެންނެވެ.