މުބާރާތުގެ މިހާ ހިސާބުން ކޮންމެ ގޮތެއް ވެސް ވެދާނެ ކަމަށާއި އަބަދު ވެސް ފޯކަސް ކުރާނީ ކުރިއަށް އޮތް މެޗަށް ކަމަށް އެމެރިކާގެ ކޯޗު ގްރެގް ބާހޯލްޓާ ބުނެފިއެވެ.

2018 ވަނަ އަހަރު ވޯލްޑްކަޕަށް ކޮލިފައި ވުމަށް ކުރި މަސައްކަތް ނާކިޔާބުވުމަށްފަހު، މިއަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެ، ދެވަނަ ބުރަށް ދަތުރުކުރި އެމެރިކާގެ ޓީމު މިރޭ ބައްދަލު ކުރާނީ ގުރޫޕް އޭ ގެ އެއްވަނައިގައި އޮތް ނެދަލެންޑްސްއާއެވެ.

ނޫސްވެރިންނާއި ބައްދަލުކޮށް ބާހޯލްޓް ބުނެފައިވަނީ މުބާރާތް ކުޅެވޭނީ، މުބާރާތުން ދެވޭނީ ކިހާ ހިސާބަކަށްތޯ ނުވިސްނައި ކަމަށާއި މިހާރު އެ ޓީމު އޮތް ހިސާބުން ކޮންމެ ގޮތެއް ވެސް ވެދާނެ ކަމަށެވެ.

"މިހާ ހިސާބުން ކޮންމެ ގޮތެއްވެސް ވެދާނެ. އަހަރެމެން ކުރަން ޖެހޭނެކަމަކީ ކުރިއަށްދެވޭނީ މުބާރާތުގެ ކިހާ ހިސާބަކަށްތޯ ނުވިސްނާ، ފަހަރަކު މެޗަކަށް ފޯކަސް ކޮށްގެން އެ މެޗު ރަނގަޅަށް ކުޅުން. ކުރިއަށްއޮތީ ނެދަލެންޑްސްއާއި ބައްދަލުކުރާ މެޗު. އެހެންވީމަ މިހާރު އަހަރެމެންގެ އެންމެ ބޮޑު ފޯކަސްއަކީ އެ މެޗު." އެމެރިކާއިން ގަދަ 16 އިން ޖާގަ ހޯދުމުން ބާހޯލްޓާ ބުނެފައިވެއެވެ.

ބާހޯލްޓާ ދެވަނަ ބުރު ސިފަކޮށްފައިވަނީ އާ މުބާރާތެއްގެ ފެށުން ކަމުގައެވެ.

މުބާރާތުގެ ކުރިއަށް މަރުހަލާތަކުގައި ކުރިއަށް ދިއުމަށް ޕޮއިންޓް ގުނާ ގުރޫޕްގެ ދެން ހުރި ޓީމުތަކުގެ ނަތީޖާއަށް ބަރޯސާ ވާކަށް ނުޖެހޭނެއެވެ. ދެން އޮންނާނީ ކޮންމެވެސް އެއް ޓީމެއް މޮޅުވަންދެން ކުޅުމެވެ. މެޗުގެ ވަގުތު ހަމަވާއިރު ދެ ޓީމުގެ ނަތީޖާ އެއްވަރުވެފައިވާނަމަ އިތުރު 30 މިނެޓް ކުޅެވިގެންދާނެއެވެ. އަދި އެއަށްފަހު ވެސް އެއްވެސް ޓީމަކަށް މޮޅު ނުވެވިއްޖެނަމަ ޖެހޭނީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ހާސްކަން ގެނުވާ ޕެނެލްޓީ ޝޫޓްއައުޓަށް ދާށެވެ.

ރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ބާހޯލްޓާ ބުނެފައިވަނީ މި މެޗުގައި ކުރިމަތިލާން ޖެހިދާނެ ކޮންމެ ކަމަކަށް ވެސް ޓީމުގެ ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށެވެ.

ނެދަލެންޑްގެ މެޗުތައް ވަރަށް ރަނގަޅަށް ބަލާ އެނަލައިޒްކޮށްފާއިވާނެ ކަމަށްވެސް ބާހޯލްޓާ ވަނީ ބުނެފައެވެ. އަދި ނެދަލެންޑްސްގެ ޑިޕާއީ، ޑި ޔޮންގެ އަދި ގަކްޕޯ ފަދަ ކުޅުންތެރިން މި މުބާރާތުގައި ދައްކާފައިވާ މޮޅު ކުޅުމާއި ގުޅިގެން ބާހޯލްޓާ ބުނެފައިވަނީ އެމެރިކާގެ ޓީމުގައިވެސް ހުނަރުވެރި ކުޅުންތެރިން އެބަ ތިބި ކަމަށެވެ.

"އުނދަގޫވާނެ. އެމީހުންގެ ވަރަށް ހުނަރު އެބަހުރި. އެކަމަކު އަހަރެމެން ބޭނުމީ ޓީމެއްގެ ގޮތުގައި މޮޅު ކުޅުމެއް ދައްކަން. އަހަރެމެންގެ ހަތަރު ޑިފެންޑަރުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައި. ކީޕަރުގެ މަސައްކަތްވެސް ވަރަށް ރަނގަޅު. އެކަމަކު މީގައި އޮންނާނީ ޓީމުގެ ޑިފެންޑިންގް. އެއް ޔުނިޓެއްގެ ގޮތުގައި މަސައްކަތް ކުރުން. އެންމެން ގުޅިގެން މަސައްކަތް ކުރުން. އަހަރެމެން ކުޅެނީ އެގޮތަށް. އިދިކޮޅު ޓީމަށް އެމީހުން ބޭނުންވާ ފުރުސަތުތައް ލިބުނަ ނުދީ އެމީހުން އުނދަގޫ ހާލަތަކަށް އަހަރެމެންނަށް ފޮނުވާލެވޭނެ. އެއީ ކަންނޭނގެ މި މުބާރާތުގައި އަހރެމެންނަށް އެންމެ ރަނގަޅަށް ކުރެވިފައިވާ ކަމަކީވެސް." ބާހޯލްޓާ ބުނެފައިވެއެވެ.

މުބާރާތުގައި އެމެރިކާގެ ކޮޅަށް ޖަހާފައިވަނީ އެންމެ ގޯލެކެވެ. އެއީ ވޭލްސްއާއި ބައްދަލުކުރި މެޗުގައި އެ ޓީމަށް ލިބުނު ޕެނެލްޓީއަކުން ޖަހާފައިވާ ލަނޑެކެވެ.

އެމެރިކާއާއި ނެދެލޭންޑްސް ބައްދަލު ކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 20:00 ގައެވެ.