ފީފާ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ދެކުނު ކޮރެއާއާ ދެކޮޅަށް މިރޭ ނުކުންނަ މެޗަށް ބްރެޒިލްގެ ތަރި ނޭމާ ފިޓްވެފައިވާ ކަމަށް ބްރެޒިލްގެ ކޯޗު ޓިޓޭ ބުނެފިއެވެ.

އުމުރުން 30 އަހަރުގެ ފޯވާޑަށް އަނިޔާވީ ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސާބިއާ އާ ދެކޮޅަށް ކުޅެ 2-0 އިން މޮޅުވި މެޗުގައެވެ. އެއީ ސާބިއާގެ ނިކޮލާ މިލެންކޮވިޗް ކުރި ފައުލަކާ ގުޅިގެންނެވެ.އޭނާ އަށް ލިބުނު އަނިޔާއާ ގުޅިގެން އެ މެޗުގެ ހާފްގައި ބަދަލު ކުރިއެވެ.

ނޭމާގެ ކުޑަ ހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ގްރޫޕް ސްޓޭޖްގައި ބްރެޒިލް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ފެނިފައެއް ނުވެއެވެ. އަދި އޭނާ މުބާރާތުގައި އިތުރަށް ކުޅެވިދާނެތޯ އޮތީ ސުވާލު އުފެދިފައެވެ.

އެކަމަކު، ނޫސްވެރިންނާ ވާހަކަ ދައްކަމުން ބްރެޒިލްގެ ކޯޗު ޓިޓޭ ބުނީ ނޭމާ މެޗުގައި ކުޅެވޭ ވަރަށް ފިޓް ކަމަށެވެ. އަދި މެޗުގައި ނޭމާ ފެނުން ގާތް ކަމަށް ވެސް ކޯޗު ބުންޏެވެ.

ނޭމާ ވަނީ ބްރެޒިލްގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވާން ފަށައިފައެވެ.

ނޭމާގެ އިތުރުން ފަހު ދެ މެޗުގައި ނުކުޅެވުނު ޔުވެންޓަސްގެ ޑިފެންޑަރު ޑަނީލޯ ވެސް ހުރީ ފިޓުކޮށެވެ. ނަމަވެސް މިދިޔަ މެޗުގައި ކުޅުނު ފޯވާޑް ގެބްރިއަލް ޖެސުސް އާއި ޑިފެންޑަރު އަލެކްސް ޓެލޭސް އަށް އަނިޔާވެ މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ވަނީ އެއްކޮށް ގެއްލިފައެވެ.

ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލްއަކީ މުބާރާތުގެ ފޭވަރިޓް އެއް ޓީމެވެ. މިއީ ނޭމާ ކުޅޭ ތިން ވަނަ ވޯލްޑް ކަޕެވެ. އޭނާ އަށް މީގެކުރީގެ ވޯލްޑް ކަޕްތަކުގައި ވެސް އަނިޔާގެ މައްސަލަތަކާ ކުރިމަތިވިއެވެ.

މީސް މީޑިއާގައި އާންމު ކުރި މެސެޖެއްގައި ނޭމާ ބުނީ މި ފަހުން ލިބުނު އަނިޔާއަކީ އޭނާގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު އެއް ހިތްދަތި ކަން ކަމަށެވެ. އަދި ވަރަށް އަވަހަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ނޭމާ ބުނެފައިވެއެވެ.

މީގެ ކުރިން ނޭމާ ކުޅުނު 2014 އަދި 2018 ގެ ވޯލްޑް ކަޕްގައި ވެސް އަނިޔާއާ ކުރިމަތިވިއެވެ. އެގޮތުން 2014 ވަނަ އަހަރު ބްރެޒިލްގައި ކުޅުނު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނޭމާގެ ބުރަކަށްޓަށް އަނިޔާވެގެން އޭނާ ބަދަލު ކުރަން ޖެހުނެވެ. 2018 ވަނަ އަހަރު ރަޝިއާގައި ކުޅުނު ވޯލްޑް ކަޕަށް ބްރެޒިލް އައިއިރު، ނޭމާ ފިޓްނަސް ރަނގަޅެއް ނޫނެވެ. ނޭމާ އަށް އެ އަހަރު ކުރީކޮޅު އަނިޔާގެ މައްސަލައަކާ ކުރިމަތިވިއެވެ.

ނޭމާ ވަނީ ގައުމީ ޓީމަށް ކުޅެދިން 122 މެޗުގައި 75 ގޯލް ޖަހައިފައެވެ. އޭނާއަކީ ޕެލޭ އަށް ފަހު ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

ބްރެޒިލް އާއި ދެކުނު ކޮރެއާ ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.