ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި 0-1ގެ ނަތީޖާއިން ބަލިކޮށް މޮރޮކޯ މޮޅުވުމާއެކު މުސްލިމު ގައުމުތަކުން އުފާފާޅުކުރަން ފަށައިފިއެވެ.

މޮރޮކޯއަށް ލިބުނު ކާމިޔާބީއާއެކު ފަލަސްތީނުގެ ދިދައާއެކު އުފާފާޅުކޮށް މުސްލިމުންގެ މޫނު މަތިން ފެނިގެން ގޮސްފައިވަނީ އުފާވެރިކަމެވެ. ކޮންމެ މޮޅަކާއެކު ޓީމު އެއްކޮށް ޖަހާ ޝުކުރުގެ ސަޖިދައާއެކު އެތައް ހާސް ބަޔަކު މޮރޮކޯއަށް ލޯބި ދީފިއެވެ. އެއީ މޮރޮކޯގެ ރައްޔިތުން ނޫންނަމަވެސް، މޮރޮކޯއަށް ލޯބިކުރާނެ އެތައް ބަޔަކު ވޯލްޑް ކަޕުންވެސް އިތުރުވެއްޖެއެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި 44،198 މީހުންގެ ކުރިމަތީ ކުޅުނު މި މެޗުގައި މޮރޮކޯއިން ވަނީ މެޗުގެ ލީޑު ނެގުމާއި އެކީ ޑިފެންސިވް ކުޅުމެއް ދައްކައި ފަހި ވަގުތާއި ހަމައަށް ޕޯޗުގަލް ހިފަހައްޓާފައެވެ.

މިމެޗުން ލިބުނު މޮޅާއި އެކީ މޮރޮކޯ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާއިރު، މިއީ އެޓީމުން ބައިވެރިވި 6 ވޯލްޑް ކަޕުގެ ތެރެއިން ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ވޯލްޑް ކަޕެވެ. މީގެ ކުރިން އެޓީމަށް ވޯލްޑް ކަޕެއްގައި އެންމެ ދުރަށް ދެވިފައިވަނީ ގަދަ 16 އަށެވެ. އަދި މިއީ މުސްލިމު ގައުމަކުން ސެމީ ފައިނަލުން ޖާގަ ހޯދި ފުރުތަމަ ފަހަރެވެ.

މޮރޮކޯގެ އާބާދީ 37 މިލިއަނަށް އަރާއިރު، އޭގެ ތެރެއިން 99 އިންސައްތައަށްވުރެ ގިނަ މީހުންނަކީ މުސްލިމުންނެވެ. އޭގެ ތެރެއިން 0.1 އިންސައްތަ މީހުންނަކީ ސުންނީ މުސްލިމުންނެވެ. ކޮންމެ މެޗަކަށް ފަހު މޮރޮކޯ އިން ވަނީ ފަލަސްތީނުގެ ދިދަ މުޅި ދަނޑުގައި ވިހުރުވާލައި މުސްލިމުންނަށް އޮތް ލޯބި ދައްކުވާފައެވެ.

މޮރޮކޯއަށް މި ކާމިޔާބީ ލިބުމާއެކު، ފަލަސްތީނުގައާއި ސައުދީ އަރަބިއާއާއި، ޕާކިސްތާން އަދި މުބާރާތް ހޯސްޓް ކުރާ ގައުމު ގަތަރުގެ މަގުތަކުގައި އެގައުމުތަކުގެ ރައްޔިތުން އަންނަނީ މަގުތަކުގައި " الله أكبر" ކިޔާ އުފާފާޅު ކުރަމުންނެވެ. މުސްލިމު ގައުމަކަށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބުނީތީ އުފާ ކުރާ ކަމަށް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުގައި އެގައުމުތަކުގެ ބައެއް ރައްޔިތުން ބުނެފައިވެއެވެ.

ގަތަރުގައި 15،000 އެއްހާ މޮރޮކޯ ރައްޔިތުން ދިރިއުޅޭ އިރު، ކައިރި ގައުމުތަކާއި، ދުރު ގައުމުތަކުގެ އިތުރުން މޮރޮކޯއިންވެސް ހާހުން ސަޕޯޓަރުން ޓީމުގެ ޝަރަފުގައި ސްޓޭޑިއަމަށް ވަދެއެވެ. ގަތަރުންވެސް ލޯތްބާއި ސަޕޯޓް ދިނީ މޮރޮކޯއަށެވެ. އެތައް އަރަބީންނެއްގެ ޝަރަފުގައި، ހޯދި މޮޅަކީ އަރަބީންނާއެކު ހޯދި މޮޅެކެވެ. މޮރޮކޯއަށް އާއިލީ ލޯބީގެ ތެރެއިން ލިބޭ ހިތްވަރަކީ ސަޕޯޓަރުންނެވެ. އެޓީމަށް ދެން އޮތް ޗެލެންޖަށްވެސް ހިތްވަރު ދެނީ ހަމަ އާއިލާތަކާއި ސަޕޯޓަރުންނެވެ.

ފީފާ ރޭންކިންގެ 22 ވަނައިގައި އޮވެ، ރޭންކިންގެ 9 ވަނައިގައި އޮތް ޕޯޗުގަލް ކުއާޓާ ފައިނަލުން ބަލި ކުރުމާއި އެކީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވެސް ވަނީ އެކަން ފާހަގަކޮށް، މޮރޮކޯއިން ހޯދި ތާރީހީ މޮޅަށް މަރުހަބާ ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙިސަނުލް

    ﷲ އަކްބަރް

    41
  2. Anonymous

    99 ޕަސަންޓަކީ ސުންނީ. މާލިކީ މަޒްހަބު

    18
  3. އަހައްމަދޫ

    الله أكبر

    40
    1
  4. ތަކުރު

    الله أكبر

    15
  5. ާސ

    މި ރާއްޖެއަކީ ވެސް %99 އިސްލާމީ ގައުމެކޯ. އެކަމު އިސްލާމް ދީނުގަ އަންގަވާފަ އޮތް ގޮތަށް އުޅެނީ މަދު ބައެއް. އެންމެހާ ނުބައި ގޮތް ގޮތަށް އުޅެނީ. މީހުން މެރުން މިއީ މިހާރު އާންމު ކަމަކަށް ވެއްޖެ.

    18